ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ދެމެދު ކުރިއަށްދާ ރަސްމީ މަޝްވަރާތަކަށްފަހު ދެ ގައުމު ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިއަދު ވަނީ ފުރަމާނަ ދަތުރުފުޅެއްގައި އިންޑިއާ އަށް ވަޑައިގެންފަ އެވެ.
މިދަތުރުފުޅުގައި ރައީސް މުއިއްޒާއި ނަރެންދުރަ މޯދީއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދާނީ މާދަމާގެ ވަގުތެއްގައެވެ.
ރައީސް މިއަދު އިންޑިއާއަށް ވަޑައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވެވީ ންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރުއާ އެވެ.
މިބައްދަލުކުރެއްވުމަށްފަހު ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒާއި މޯދީއާ ދެމެދު ކުރިއަށްދާ ރަސްމީ މަޝްވާރަތަކަށްފަހު ދެ ގައުމުގެ ރަހުމަތްތެރި ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށް ޔަގީންކުރައްވާ ކަމަށެވެ.
މޯދީއާއި މުއިއްޒުއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށްފަހު ދެ ގައުމުން މުހިއްމު އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށްވެސް ހަމަޖެހިފައިވެ އެވެ.
ރައީސް މުއިއްޒު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑިއާއަށް ކުރައްވާ މިދަތުރުފުޅުގައި އެ ގައުމުގެ ވެރިރަށް ނިއުދިއްލީގެ އިތުރުން މުމްބާއީއާއި ބެންގަލޫރަށްވެސް ވަޑައިގަންނަވާނެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ޔޫއޭއީގައި ބޭއްވި "ކޮޕް-28"ގެ ހަވާސާގައި މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ އިންޑިއާގެ ބޮޑު ވަޒީރާ ނަރެންދުރާ މޯދީއާ ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފަ އެވެ. އަދި މޯދީ ވެރިކަމުގެ ތިންވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔަތަށް އިންޑިއާއަށް ވަޑައިގެން މިއަހަރުގެ ޖޫން ނުވަވަނަ ދުވަހުވެސް ރައީސް މުއިއްޒު ވަނީ އިންޑިއާގެ މޯދީއާ އެ ގައުމުގެ ރައީސްއާ ބައްދަލުކުރައްވާފަ އެވެ.