ދިވެހި އިންޑިއާގެ ގުޅުން

ރާއްޖެއަކީ ގާތް ބައިވެރިއެއް: އިންޑިއާ ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫއާ ރޭ ބައްދަލުކުރައްވައިފި އެވެ.

އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާސްތުރަޕަތީ ބަވަންގައި ބޭއްވި މި ބައްދަލުވުމުގައި އިންޑިއާގެ ރައީސް ވަނީ ރާއްޖެއަކީ އެގައުމުގެ އަސާސީ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.

އެގޮތުން އިންޑިއާގެ "ނޭބަހުޑް ފަސްޓް" ސިޔާސަތާއި އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް އިން ދަ ރީޖަން" ނުވަތަ "ސާގަރް"ގެ ތަސައްވުރުގައި ރާއްޖެއަކީ މުހިންމު ބައިވެރިއެއް ކަމަށް އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖު މަޝްރޫއަކީ ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު އުމްރާނީ މަޝްރޫއުކަން ފާހަގަކުރައްވާ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ވިދާޅުވީ އެގައުމުން ރާއްޖޭގެ ތަރައްގީއަށް ދޭ އެހީ ފަރުމާކޮށްފައިވަނީ އޭގެ ފައިދާ ރައްޔިތުންނަށް ފޯރާނެ ގޮތަށް ކަމަށެވެ.

މީގެ އިތުރުން އިއްޔެ އިއުލާނުކުރި "ކޮމްޕްރިހެންސިވް ސެކިއުރިޓީ އެންޑް މެރިޓައިމް ޕާޓްނާޝިޕް" ގެ ދަށުން، ދޭދޭ ގުޅުން ހަރުދަނާކުރާނޭ އާ އޮނިގަނޑެއް ބިނާކުރެވޭނޭކަމަށްވެސް ވިދާޅުވި އެވެ. އަދި ރާއްޖެ ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަގީންކަން ރައީސްު މުރުމޫ ދެއްވި އެވެ.