ކޯސްޓް ގާޑް

ކޯސްޓްގާޑުގެ ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި: މިނިސްޓަރު

ސިފައިންގެ ކޯސްޓްގާޑް އުޅަނދެއް: ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހަލާކުވެފައިވާ ކަމަށް މިނިސްޓަރު މާރިޔާ ވަނީ ވިދާޅުވެފައި ---
0%
0%
0%

ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެ އުޅަނދުތައް މަރާމާތުކުރުމަށް މި އަހަރު ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުމާއި ގުޅިގެން އާންމު ކުރެއްވި ވީޑިއޯ އިންޓަވިއުއެއްގައެވެ. ކޯސްޓްގާޑްގެ ހިދުމަތް ފަށާފައިވަނީ ޖެނުއަރީ 1، 1980 ގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ ސިފައިންގެ މުއައްސަސާއަކީ ގަދަރާއި އިހުރިތާމް ލިބިފައިވާ މުއައްސަސާއަކަށް ހެދުމާއި، ޒަމާނީ ވަސީލަތްތައް އެ މުއައްސަސާއަށް ހޯއްދަވައިދެއްވުމަކީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަރަށް އިސްކަންދެއްވާ ކަންކަން ކަމަށެވެ.

އާ ސަރުކާރު ވެރިކަމާއި ހަވާލުވީއިރު ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ހުރީ ހަލާކުވެފައި ކަމަށާއި އެހެން ކަމުން އެ އުޅަނދުތައް މަރާމާތު ކުރުުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ---

"ކޯސްޓްގާޑުގެ ވަރަށް ގިނަ އުޅަނދުތައް ވަނީ ހަލާކުވެފައި އަޅުގަނޑުމެން އައިއިރު. އެހެންވީމަ ކޯސްޓްގާޑްގެ އުޅަނދުތައް މަރާމާތުކޮށް އަދި ކޯސްޓްގާޑްގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި މަސައްކަތްތަކެއް މިއަހަރުވެސް ކުރެވެމުންދާނެ." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކޯސްޓްގާޑްގެ ހިދުމަތަކީ ވަރަށް މުހިންމު ހިދުމަތެއް ކަމަށާ ކޯސްޓްގާޑްގައި މަސައްކަތްކުރައްވާ ސިފައިންނަކީ ފުރާނައަށް ބެލުމެއްނެތި ގައުމީ ހިދުމަތުގައި ވަރަށް ސާބިތުކަން މަތީ ތިއްބެއްވި ބައެއް ކަމަށެވެ. މިއަދު ކޯސްޓްގާޑްގެ ހިދުމަތް ހޯދަން، ނުވަތަ ސީއެމްބިއުލާސްގެ ހިދުމަތް ހޯދަން މިނިސްޓަރާ ގުޅަން ނުޖެހޭނެ ކަމަށާ އެ ހިދުމަތް ފަސޭހަކަމާއެކު ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސައުވީސް ގަޑިއިރުގެ ގައުމީ ހިދުމަތެއް ކޯސްޓްގާޑުން ފޯރުކޮށްދެމުން ދަނީ." މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މާރިޔާގެ މެސެޖްގައި ވަނީ ކަނޑު ގަދަ ދުވަސްވަރު ވަރަށް ބޮޑަށް ބައްލަވައިގެން ނޫނީ ދަތުރު ނުކުރެއްވުމަށް ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ. ދިވެހި ރައްޔިތުންނަށް ވަކިން ހާއްސަކޮށް ކުޑަކުދިންނަށް ދައުލަތުން ހާއްސަ ރައްކާތެރިކަމެއް ދޭން ޖެހޭކަން ފާހަގަކުރައްވާ ކަނޑު ދަތުރުކުރައްވާއިރު އެ ކުދިންނަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

5 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345