މާރިޔާ އަހުމަދު ދީދީ

އުޅަނދުގެ ހުރިހާ ފަޅުވެރިންނަކީ ދިވެހި ސިފައިން: މާރިޔާ

އިންޑިއާ ސަރުކާރުން ހަދިޔާކުރި ކޯސްޓްގާޑް ޝިޕް ހުރަވީ (ސީޖީއެސް ހުރަވީ)ގެ ހުރިހާ ފަޅުވެރިންނަކީވެސް ދިވެހި ސިފައިން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ސީޖީއެސް ހުރަވީ ކޮމިޝަން ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ އުޅަނދު މާލޭގައި ބަނދަރުކުރުމާއި ހިސާބުން ފެށިގެން އުޅަނދު އޮޕަރޭޓު ކުރުމަށް ބޭނުންވާ ތަމްރީނު އެމްއެންޑީއެފު ސިފައިންނަށް ދިނުމަށް އިންޑިއާގެ ކުރޫން ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށެވެ.

"މި އުޅަނދު މިއަދު ކަމިޝަންވުމާއެކު، މި އުޅަނދުގެ ފުރަތަމަ ކޮމާންޑިން އޮފިސަރުކަމުގެ ފަހުރު ލިބިގެންދާނީ އެމްއެންޑީއެފްގެ މޭޖާ އަހުމަދު ޒައީމްއަށް. އަދި މި އުޅަނދުގެ ފުލް ކޮމްޕްލިމެންޓްގައި ހިމެނޭނީ މުޅީންވެސް ދިވެހި ސިފައިން،" މާރިޔާ އަހުމަދު ދީދީ ވިދާޅުވި އެވެ.

މާރިޔާ މިހެން ވިދާޅުވީ އިންޑިއާ ސަރުކާރުން ހަދިޔާކުރާ އަސްކަރީ އުޅަނދުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން އިންޑިއާގެ ސިފައިން ތިބޭކަމަށް އިދިކޮޅުން ތުހުމަތުކުރަމުން ދަނިކޮށެވެ.

މާރިޔާ ވިދާޅުވި ގޮތުގައި ކޯސްޓްގާޑްގެ ކުރީގެ ޝިޕް ހުރަވީ އާއި ހިލާފަށް މި އުޅަނދުގައި ތިން ވޯޓަ ޖެޓު އަޅާފައިވެ އެވެ.

މީގެ ސަބަބުން އުޅަނދުގެ ދުވެލި ބާރުވެ މެނޫވާ ކުރުމަށް ފަސޭހަވާނެ ކަމަށާއި ކުރީގެ އުޅަނދަށްވުރެ މި އުޅަނދުގައި ތެޔޮ ބޭނުންކުރާ މިންވަރު މަދުވުމުން އޮޕަރޭޝަންތަކަށް ކުރަންޖެހޭ ހަރަދު ކުޑަވާނެކަން މާރިޔާ ފާހަގަކުރެއްވި އެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުމުން ގަވާއިދާއި ހިލާފަށް މަސްވެރިކަން ކުރުމާއި ޑްރަގާއި ހަތިޔާރާއި އިންސާނީ ވަގުފާރީގެ ގޮންޖެހުންތައް ހުރި ކަމަށް މާރިޔާ ވިދާޅުވި އެވެ.