ދިވެހި އިންޑިއާގެ ގުޅުން

މަސްދޯނިތަކަށް އެރި މައްސަލަ: އިންޑިއާއިން މިހާތަނަށް ޖަވާބެއް ނުދޭ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްދޯނިތަކަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލަ ސާފުކޮށްދޭން ދިވެހި ސަރުކާރުން އެދުނު ނަމަވެސް އިންޑިއާއިން އެކަމުގައި މިހާތަނަށް ޖަވާބެއް ނުދޭކަން އެނގިއްޖެ އެވެ.

ދިވެހި މަސް ދޯނިތަކަށް އިންޑިއާ ސިފައިން އެރި މައްސަލަ އެންމެ ފުރަތަމަ ފެންމަތިކުރީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުންނެވެ.

މި މައްސަލަތައް ފެންމަތިވުމުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދޭން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި އެދުނެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިއަދު "އަވަސް" އަށް ވިދާޅުވީ އެކަމުގައި އިންޑިއާ ސަރުކާރުން އަދި ޖަވާބެއް ނުދޭ ކަމަށެވެ.

ރާއްޖޭގެ އުތުރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް މިދިޔަ ބުދަ ދުވަހު އިންޑިއާ ސިފައިން އަރައި ވަނީ ބަލައި ފާސްކޮށްފަ އެވެ. އިންޑިއާ ސިފައިން އެ ދުވަހު އެރީ "އަސުރުމާ 3" ދޯންޏާއި "ނިރު 7" އަދި "މާހޯރަ 3" ދޯންޏަށެވެ.

އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ ސިފައިން "މާހޯރަ 3" ދޯންޏަށް އެރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވި އެވެ.

އިންޑިއާ ސިފައިން ކޯސްޓްގާޑުގެ ދެ އުޅަނދެއް މިދިޔަ ބުދަ ދުވަހު ދިވެހި މަސް ދޯނިތަކާ ކައިރިކޮށް ދޯނިތަކަށް އަރައިގެން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ސޯޝަލްމީޑިއާގައި އެކައުންޓުން ވަނީ އާންމުކޮށްފަ އެވެ.

ވީޑިއޯ އިން ފެންނަނީ ހަތިޔާރާ އެކު އިންޑިއާ ސިފައިން ދޯނި ތެރެއަށް އަރައި ބަލައި ފާސްކުރާއިރު ދޯނީގެ ފަސްކޮޅުގައި ފަޅުވެރިން ތިބެނީ ވަކިން ބައިތިއްބާފަ އެވެ. އިންޑިއާ ސިފައިން ވަނީ އެންމެ ބޮޑަށް މަސައްކަތް ކުރީ ދޯނީގެ ސެޓެލައިޓް ފޯނުގެ ނަންބަރު ހޯދަން ކަމަށް މަސްވެރިން ބުނެފައިވެ އެވެ.