ދިވެހި އިންޑިއާގެ ގުޅުން

އިތުރު ދޯންޏަކަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލައެއް

އިންޑިއާގެ އަސްކަރިއްޔާ ކަމަށް ބުނާ ބަޔަކު ދިވެހި މަސްދޯންޏަކަށް އަރާ ބިރު ދެއްކި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ 12:00 ހާއިރު އިންޑިއާ ސިފައިން އަރާފައިވަނީ "މާހޯރަ 3" ދޯންޏަށެވެ. އެ ދޯންޏަށް މިދިޔަ ބުދަ ދުވަހުވެސް އިންޑިއާ ސިފައިން އަރައި ވަނީ ބަލައި ފާސްކޮށްފަ އެވެ.

އެ ޔޫނިއަން އިން ބުނި ގޮތުގައި ބުރާސްފަތި ދުވަހުގެ ރޭ "މާހޯރަ 3" ދޯންޏަށް ސިފައިން އެރިއިރު އެ ދޯނި ދަތުރުކުރަމުން ދިޔައީ މޮޅަދޫ ބޮޔާއި ތިން މޭލު ހިސާބުން ނެވެ.

ބޭރު ސިފައިން ތިބި މަނަވަރު އެ މަސްދޯންޏާއި ކައިރިކޮށް ދޯންޏަށް އަރާ މަސްވެރިންނަށް ބިރު ދައްކާފައިވާ ކަމަށްވެސް އެ ޔޫނިއަން އިން ބުނެފައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަންކުރާ ދޯނިތަކަށް ބޯޑުކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދިވެހި މަސްދޯނިތަކަށް ރާއްޖޭގެ ކަމާގުޅޭ އެއްވެސް އިދާރާއަކާ ކޯޑިނޭޓް ކުރުމެއްނެތި ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް އިންޑިއާ އަސްކަރިއްޔާއިން ބޯޑުކޮށް ހިންގި އޮޕަރޭޝަންގެ ތަފުސީލު ދޭން ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި ވަނީ އެދިފަ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ދިވެހި ތިން މަސްދޯންޏަކަށް މިދިޔަ ބުދަ ދުވަހު އިންޑިއާ ސިފައިން އަރައި ވަނީ ބަލައި ފާސްކޮށްފަ އެވެ. އެއީ "މާހޯރަ 3" ދޯނީގެ އިތުރުން "އަސުރުމާ 3" އަދި "ނިރު 7" ދޯންޏެވެ.