އިންޑިއާ

ރާއްޖެއިން ހިފެހެއްޓި މަސްވެރިން ދޫކޮށްލަން ގޮވާލައިފި

ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރިކަމުގެ ތުހުމަތުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އަތުލައިގަތް އިންޑިއާގެ އުޅަނދުގައި ތިބި މަސްވެރިން ދޫކޮށްލުމަށް އިންޑިއާގެ ޓެމިލް ނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ގޮވާލައިފި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން މިދިޔަ މަހުގެ 23 ވަނަ ދުވަހު އަތުލައިގަތް އުޅަނދުގައި ޓެމިލް ނާޑޫގެ 12 މީހުން ތިއްބެވެ.

އެ މީހުން މިނިވަންކުރުމަށް މަސައްކަތް ކުރުމަށް ސްޓާލިން ވަނީ އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރަށް ގޮވާލާފަ އެވެ.

އެގޮތުން ޑިޕްލޮމެޓިކް މަޝްވަރާތައް ކުރުމަށާއި އެ މީހުން މިނިވަންކުރުމަށް އިދާރާތަކާއެކު މަޝްވަރާކުރުމަށް ސްޓާލިން އެދިވަޑައިގެންނެވި އެވެ.

ސްޓާލިން ވިދާޅުވި ގޮތުގައި އިންޑިއާގެ މަސްވެރިން ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ސަރަހައްދަކުން ނޫނެވެ. އެ މީހުން ހައްޔަރުކުރީ މައި ކަނޑުގައި މަސްވެރިކަން ކުރަމުން ދަނިކޮށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ރާއްޖެއިން އަތުލައިގަތް އުޅަނދުގެ ވެރި ފަރާތް 420،000 ރުފިޔާ -- 2.25 ކްރޯޑް ރުޕީސް އިން ޖޫރިމަނާކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާއިރު އުޅަނދު ދޫކޮށްލާނީ ފައިސާ ދެއްކުމުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.