އިންޑިއާގެ އެހީގައި އުތުރު ތިލަފަޅުގައި އަޅާ ޑޮކްޔާޑާ ގުޅޭ ގޮތުން ދޮގު މައުލޫމާތުތައް ފަތުރާ ކަމަށް ބުނެ އެކަން ބަލަން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ފެންނަކަމަަށް 38 މެމްބަރަކު ވޯޓު ދެއްވި އެވެ.
އުތުރު ތިލަފަޅު އެއްބަސްވުމުގައި ނޭނގޭ އަދި ކަން ބޮޑުވާ ކަންތައްތައްތަކެއް ހިމެނޭ ކަމަށް ތުހުމަތުތައް ކޮށްފައިވާއިރު އެ އެއްބަސްވުން ސަރުކާރުން އަދިވެސް ހާމައެއް ނުކުރެ އެވެ. އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނާ ލިޔުމެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިއްޔެ ލީކް ކޮށްލައިފައިވާއިރު އެއްބަސްވުމުގެ ދަށުން އްޖޭގައި އިންޑިއާ ސިފައިން ހަތިޔާރާއެކު އުޅެވޭނެ ކަމަށް އެ ޑޮކިއުމަންޓްގައި ބުނެ އެވެ.
ސަރުކާރުން ބުނީ ލީކްކޮށްލި ޑޮކިއުމަންޓަކީ ފޭކް ޑޮކިއުމަންޓެއް ކަމަށެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން މެމްބަރު ރަޝީދު ވިދާޅުވީ އުތުރު ތިލަފަޅުގައި އެއްބަސްވުމުމުގައި ސޮއިކުރީ ނިމިގެން ދިޔަ ސަރުކާރުން ކަމަށެވެ. އަދި އިތުރު ތިލަފަޅުގެ އެއްބަސްވުން ކަމަށް ބުނެ އިއްޔެ ލީކްކޮށްލި ޑޮކިއުމަންޓާއެކު ރާއްޖޭގެ އަސްކަރިއްޔާގެ އިސްވެރިންގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށް ހޯދަން ހުރަސް އަޅަމުންދާ ކަމަށެވެ.
އެއީ ދޭދޭ ގައުމުތަކުގެ ގުޅުމަށް ބުރޫއަރައި ދިވެހި ސިފައިންނަށް އޮންނަ އިތުބާރު ގެއްލުވާލައި ސަލާމަތީ ބާރުތަކުގެ މެދުގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ މަގްސަދުތަކެއް ހާސިލްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އެ މައުލޫމާތުތައް ފަތުރާތީ އަކަން ބަލައި އެކަމުގައި ޝާމިލްވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.