އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅުގައި ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި

އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި އެމްއެންޑީއެފްގެ އަސްކަރީ ބަނދަރު ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އުތުރުތިލަފަޅުގައި ސިފައިންނަށް ބަނދަރަކާއި ޑޮކްޔާޑެއއް ހެދުމުގެ މަސައްކަތް ފެށީ މި މަހުގެ ތިންވަނަ ދުވަހު އެވެ. މިމަސައްކަތް ފައްޓަވައިދެއްވީ މިދިޔަ ހަފްތާ ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. ނަމަވެސް އެމްއެންޑީއެފް މި މައުލޫމާތު ހާމަކުރީ މިއަދު އެވެ.

މިމަޝްރޫއު ނިމުމުން ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރެވި ދިފާއީ ދާއިރާގައި ރާއްޖެއާއި އިންޑިއާގެ އަސްކަރީ ގުޅުންތައް އިތުރަށް ބަދަހިވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ.

އިންޑިއާގެ ސަރުކާރުން ހަމަޖައްސައިދޭ ފައިސާއާއި ދޫކުރާ ތަކެތީގެ އެހީތެރިކަމާ އެކު އުތުރުތިލަފަޅުގައި ނޭވަލް ބަދަރެކާއެކު ވަސީލަތްތައް ތަރައްގީ ކުރާނީ މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތާއި ތަމްރީން ވެސް ދެވޭ ގޮތަށެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އިންޑިއާ ސަރުކާރާ އެކު ދިވެހި ސަރުކާރުން ސޮއިކުރީ ފެބްރުއަރީ 21، 2021ގަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރެވެ.

އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރު ތަރައްގީކުރުމަށް ފައިސާ ހަމަޖައްސައިދޭ ފަރާތަކީ އިންޑިއާ ކަމަށްވާތީ މިމަޝްރޫއުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ވިކާސް ނިގާމް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.

ވިކާސް ނިގާމްއާ މަސައްކަތް ހަވާލުކޮށްފައިވަނީ 186.3 މިލިއަން ޑޮލަރު -- 2.8 ބިލިއަން ރުފިޔާ އަށެވެ.

ވިކާސް ނިގާމް އަކީ ރެއިލްވޭތަކުގެ މަސައްކަތްކުރާ އިންޑިއާގައި ފާހަގަކުރެވޭ ކުންފުންޏެކެވެ.

އުތުރު ތިލަފަޅު އެއްބަސްވުން ހާމާކުރުމަށް ދިވެހި ސަރުކާރުން ގެންދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބެލި އުތުރު ތިލަފަޅު އެއްބަސްވުމުގެ މައްސަލައަކާއި ގުޅިގެން މި އެއްބަސްވުމުގެ ބައިތަކެއް ސަރުކާރުން ވަނީ 241 ކޮމިޓީގެ މެންބަރުންނަށް ދައްކާލާފަ އެވެ.