އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅުގައި ބަނދަރު ހަދަން އިންޑިއާގެ ރެއިލްވޭ ކުންފުންޏަކަށް

އުތުރު ތިލަފަޅު (ޔޫޓީއެފް)ގައި އަސްކަރީ ބަނދަރު ތަރައްގީ ކުރަން އިންޑިއާގެ ރެއިލްވޭ ކުންފުންޏަކަށް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުން އެ ބަނދަރު މަސައްކަތް އިންޑިއާ ސަރުކާރުން ހަވާލުކުރަނީ އެގައުމުގެ ސަރުކާރު ކުންފުންޏެއް ކަމަށްވާ ވިކާސް ނިގާމް ލިމިޓެޑް ކުންފުންޏާ އެވެ.

އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކޮށްފައިވަނީ 186.3 މިލިއަން ޑޮލަރު -- 2.8 ބިލިއަން ރުފިޔާ އަށެވެ.

ވިކާސް ނިގާމް އަކީ ރެއިލްވޭތަކުގެ މަސައްކަތްކުރާ އިންޑިއާގައި ފާހަގަކުރެވޭ ކުންފުންޏެކެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިންޑިއާ އާއެކު ރާއްޖެއިން ސޮއިކުރީ ފެބްރުއަރީ 21، 2021ގަ އެވެ.

މި އެއްބަސްވުމުގައި ރާއްޖޭން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ. އިންޑިއާއިން އެ ގައުމުގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރެވެ.

އުތުރުތިލަފަޅުގައި ނޭވަލް ބަދަރެކާއެކު ވަސީލަތްތައް ތަރައްގީ ކުރާނީ މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތާއި ތަމްރީނު ހިމެނޭ ގޮތަށެވެ.

އިންޑިއާ އާއި އެކު ސޮއިކޮށްފައިވާ އުތުރުތިލަފަޅުގެ އެއްބަސްވުން ސަރުކާރުން ހާމަނުކުރާތީ އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މިއެއްބަސްވުން ހޯދުމާ ގުޅޭ ބައެއް މައްސަލަތައް ކޯޓަށް ވެސް ހުށަހަޅާފައިވެ އެވެ.