ދިވެހި ރާއްޖޭގެ އިސްތިގްލާލުގެ ހިމާޔަތާމެދު ގިނަ ބަޔަކު މިއަދު ސުވާލު އުފައްދައިފި ކަމަށް ސަރުކާރު ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އޭނާ މިއަދު ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް ބުރޫއަރާ އެއްވެސް ކަމެއް ހިނގުމަކީ ގައުމު ދެކެ ލޯބިވާ އެކަކު ވެސް އެދޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގައުމުގެ އިސްތިގްލާލުގެ ހިމާޔަތާމެދު ގިނަ ބަޔަކު ސުވާލް އުފެއްދުމުން އުފެދިފައިވާ ކަންބޮޑު ވުމުގައި ރައްޔިތުން ލޭ ކެކެން ދޫކޮށްލައިގެން ވެސް ނުވާނެ ކަމަށެވެ.
"އަވަހަށް ޝައްކު ފިލުވައި ދެއްވާ!" ސަރުކާރަށް އަމާޒުވާ ގޮތަށް ކުރީގެ ވަޒީރު މިއަދު ވިދާޅުވި އެވެ.
އަމީންގެ ފަރާތްޕުޅުން މި ވާހަކަތައް އައީ އުތުރު ތިލަފަޅު ތަރައްގީ ކުރަން އިންޑިޔާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ބުނާ ޑޮކިއުމެންޓެއް ލީކްވެ ދައުރުވާއިރު އޭގައި ހިމެނޭ ކަންކަމާމެދު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށެވެ. މި މައްސަލާގައި ޖުމްހޫރީ ޕާޓީ އާއި އެ ޕާޓީގެ ލީޑަރު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
މި ކަންބޮޑުވުންތައް އުފެދިފައިވި ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެއީ ސައްހަ ޑޮކިއުމެންޓެއް ނޫން ކަމަށެވެ. ނަމަވެސް އެހެން ބުނުން ފިޔަވައި އޭގެ ސައް ޑޮކިއުމެންޓެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.
ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާއާ ރާއްޖެއާ ދެމެދު ސޮއި ކޮށްފައިވާ އެގްރިމެންޓެއް ކަމަށް ބުނެ ދައުރުވަމުންދާ ލިޔެކިޔުމަކީ ޑޮކިއުމެންޓެއް ނޫން ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި ރާއްޖޭގެ ސިޔާދަތާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމަކަށް އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
މިހާރު ދައުރުވަމުންދާ ޑޮކިއުމެންޓަކީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އެއްބަސްވުމުގެ ފުރަތަމަ ޑްރާފްޓް ކަމަށް ވެސް އަޑުތައް ފެތުރިފައި ވެއެވެ. އޭގައި ބުނާ ގޮތުން އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ހަދާ އިރު، އެ ތާނގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ތިބޭނެ އެވެ. އަދި ހަތިޔާރު ގެންގުޅެ ބޭނުން ވެސް ކުރެވޭނެ އެވެ. މީގެ އިތުރުން އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރުކޮށްފައިވާއިރު މުއްދަތު ހަމަވުމުން އިތުރު 30 އަހަރު އިންޑިއާ ސިފައިންނަށް ރާއްޖޭގައި ތިބެވޭނެ ގޮތް ހަދަން މަގު ފަހިކޮށްފައި ވެއެވެ.