އެމްއެންޑީއެފް

"އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ނުތިބޭނެ"

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރަން އަވައްޓެރި އިންޑިއާއާއެކު ސޮއިކުރި ނަމަވެސް އެއީ އަސްކަރީ މަރުކަޒެއް ނޫން ކަމަށާ އެތަނުގައި އިންޑިއާ ސިފައިން ނުތިބޭނެ ކަމަށް ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ވައިސް ޗީފް ވިދާޅުވީ އުތުރު ތިލަފަޅުގައި ގާއިމުކުރަނީ އަސްކަރީ މަރުޒެއް ނޫން ކަމަށެވެ. އެއީ ޑޮކްޔާޑެއް ކަމަށާ އެހެން ކަމުން އެ ތަނުގައި އިންޑިއާ ސިފައިން އަދި އަސްކަރީ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށެވެ.

"މިއީ އަސްކަރީ މަރުކަޒެއް ނޫން. މިއީ ޑޮކްޔާޑެއް. މިއީ އެލޯގްސައިޑް ބަނދަރެއް. އެހެންވީމަކާއެއް މިތަނަކުއެއް އަސްކަރީ އެއްވެސް ބަޔަކު ތިބޭ ގޮތަކަށް އޮތް ތަނެއް ނޫން މިއީ. މިތަނުގައި އިންޑިއާ ސިފައިން ތިބޭ ގޮތަށް އޮތް ތަނެއް ނޫން މިއީ،"

އަބްދުއްރަހީމް ވިދާޅުވީ އިންޑިއާގެ ދައުރަކީ އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކޮށް ދިނުން ކަމަށެވެ. އެ މަސައްކަތް ކުރާނީ އިންޑިއާއިން ކަމަށާ ނަމަވެސް މަސައްކަތް ނިމުމަށްފަހު އިންޑިއާގެ ދައުރެއް ނޯންނާނެ ކަމަށެވެ. އެ މަަސައްކަތް ނިންމާ ބަނދަރާއި ޑޮކްޔާޑު ތިން އަހަރުތެރޭ ހުޅުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެއަށްފަހު އަޅުގަނޑުމެންނަށް ޓެކްނިކަލް ސަޕޯޓް ބޭނުންވެއްޖިއްޔާ ބޭނުންވެއްޖެ މިންވަރަކަށް ބޭނުންވެއްޖެ ވަގުތަކަށް ލިބޭ ގޮތަށް އަޅުގަނޑުމެންނާ އިންޑިއާ ސަރުކާރާ އެބަސްވެފައި މި އޮތީ،"

އަބްދުއްރަހީމް ވިދާޅުވީ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ވަރަށް ކުރިއްސުރެ ދިޔައީ ކުރެވެމުން ކަމަށެވެ. 2013 ވަނަ އަހަރު އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ކުރެވުނު ކަމަށާ އޭގެ ފަހުން ރާއްޖެ ވަޑައިގަންނަވާ އިންޑިއާ ސަރުކާރުގެ ހައިލެވްލް ކޮންމެ ބޭފުޅެއްގެ ދަތުރުފުޅުގައިވެސް އެ މަޝްވަރާތައް ހިނގާފައިވާ ކަމަށެވެ.

ސިފަވަރު، އުތުރުތިލަފަޅު އެއްބަސްވުމަށް ފަހު އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވަނީ ކޯސްޓްގާޑުގެ ސިފައިން އެތައް އަހަރެއް ވަންދެން ކުރަމުން އައި އުންމީދެއް ހަގީގަތަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. ސިފަވަރު ޔޫޓީއެފް ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ލިބޭނެ ފައިދާތައް ވަރަށް ބޮޑު ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

އެ ގޮތުން ރާއްޖެއިން ބޭރަށް ނުގެންގޮސް ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ބޮޑު ހަރަދާއި ވަގުތު ސަލާމަތްވުމާއި ބާތިން ފެސިލިޓީގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް ވެސް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި އިންސާނީ އެހީ އާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވިއެވެ.