ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި އިންޑިއާގެ ކަނޑުމަތީ ފަސް އުޅަނދެއް ހަރަކާތްތެރިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.
އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިންޑިއާގެ ކަނޑުއުޅަނދުތަކެއް ފެންނަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. މަސްވެރިންނާއި ކަނޑުދަތުރުކުރުގައި ހަރަކާތްތެރިވާ ބައެއް މީހުން އެ އުޅަނދުތަކާއި ގުޅޭގޮތުން ސުވާލު ކުރެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ބޮޑު އިހުތިޖާޖެއް ފަށާފައިވާއިރު އިންޑިއާއާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި އާންމުންގެ ގިނަ ސުވާލުތަކެއް ހުރެއެވެ.
އެމްއެންޑީއެފްގެ އިސްތަރުޖަމާން މިއަދު ވިދާޅުވީ ރާއްޖޭގެ ނިޔަމި ކަމުގައި ބޭނުންކުރާ ޗާޓްތައް އިސްލާހު ކުރުމަށްޓަކައި ޑިފެންސް މިނިސްޓްރީ އާއި އިންޑިއާގެ ނޭވީ ގުޅިގެން ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި އިންޑިއާގެ ފަސް އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެއީ މަނަވަރަކާއި ހަތަރު ބޯޓް ކަމަށެވެ. ބޯޓްތަކަކީ ސައިޒުން ކުޑަ ބޯޓްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
އެ ބޯޓްތައް ހަރަކާތްތެރިވަނީ މާލެ އަތޮޅާއި ހދ އަދި ށ އަތޮޅުގައި ކަމަށްވެސް ވިދާޅުވިއެވެ.
"މި މަސައްކަތް ކުރިއަށް ދަނީ އެމްއެންޑީއެފްގެ ސިފައިންނާއެކު،" ތަރުޖަމާން ހަނާ ވިދާޅުވިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދާ ހައިޑްރޮގްރެފިކް ސާވޭގައި ހަރަކާތްތެރިވުމަށް އިންޑިއާގެ ނޭވީ ޝިޕެއް ރާއްޖެ އައިސްފައިވާ ކަމަށް މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން އޭރު ބުނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 15 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސާވޭގައި ހދ އަތޮޅުން ފެށިގެން ނ އަތޮޅަށް ސާވޭ ކުރާނެ ކަމަށެވެ. 2007 ވަނަ އަހަރުން ފެށިގެން އިންޑިއާގެ ނޭޝަނަލް ހައިޑްރޯގްރެފިކް އޮފީހާ ގުޅިގެން ރާއްޖޭގައި ކުރަމުންދާ ހައިޑްރޮގްރެފިކް ސާވޭއަކީ ރާއްޖޭގެ ނިޔަމި ކަމަށް ބޭނުން ކުރަމުން އަންނަ ކަރުދާސް ޗާޓާއި ޖީޕީއެސް އަދި އެކްޑިސް ގައި ބޭނުޖް ކުރާ އިލެކްޓްރޯނިކް ޗާޓްތައް އަޕްޑޭޓް ކުރުމާއި އެންކަރޭޖް އަދި އެފްރޯޗް ޗާޓް ހެދުމަށް ކުރެވޭ ސާވޭއެއް ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފް އިން ބުނީ މި ސާވޭގެ އަލީގައި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރެވި ރާއްޖޭގައި އެންމެ ގިނައިން ހިނގާ ކަނޑުމަތީގެ ހާދިސާ ކަމުގައިވާ ފަރަށް އެރުން ފަދަ ހާދިސާތައް މަދުކުރެވުމުގެ ނަތީޖާއެއްގެ ގޮތުން މިފަދަ ހާދިސާތަކުން އޮޑިވެރިންނަަށް ގެއްލުން ލިބުމުގެ ފުރުސަރު ކުޑަވާނެ ކަމަށެވެ.
އަދި މަސައްކަތުގެ ސަބަބުން އިންޝްއަރެންސް ކްލައިމްތައް ލީގަލައިޒް ކުރުމާއި އިގްތިސާދު ފުޅާކުރުމަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަމަށާ ތިމާވެއްޓަށް ލިބޭ ގެއްލުންތައް ދިރާސާ ކުރުމަށް ބޭނުންވާނެ މައުލޫމާތާއި ކޯސްޓަލް ޒޯން މެނޭޖްމަންޓް ފަދަ މުހިންމު މަސައްކަތްތަކަށް ބޭނުންވާ މައުލޫމާތު ލިބޭނެ ކަަމަށެވެ.