ރާޑަރު ސްޓޭޝަންތައް ދިވެހި ސިފައިން އޮޕަރޭޓް ކުރަން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި މެރިޓައިމް ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންތަކުގެ ބޭނުމުގައި ކޯސްޓަލް ސަރވެއިލަންސް ސިސްޓަމްއެއް ވަނީ ޤާއިމުކުރެވިފައެވެ.
މިގޮތުން ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖޭގެ 10 ސަރަހައްދެއްގައި ކޯސްޓަލް ރާޑާ ސިސްޓަމް ޤާއިމުކުރެވިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާ ސަރުކާރުގެ ހިލޭއެހީގެ ދަށުންނެވެ. މި ރާޑާ ސްޓޭޝަންތައް މިހާރު އޮޕަރޭޓް ކުރުމުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މިކަމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ދިވެހި ސިފައިން ކަމަށްވެސް ބުންޏެވެ.
މި ސިސްޓަމްގެ ސަބަބުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޤާބިލުކަން އިތުރަށް ފުޅާވެގެންދާނެ ކަމަށާ އަދި އެމްއެންޑީއެފްގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.