ރާއްޖެ އާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަ ކުރަން ދެ ގައުމުގެ މެދުގައި ދާދި ފަހުން ސޮއި ކުރި އެއްބަސްވުމުގައި އަވަށްޓެރި އިންޑިއާގެ ކަންބޮޑުވުމެއްނެތް ކަމަށް ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި 2013 ވަނަ އަހަރު އެމެރިކާ އިން ރާއްޖެއާއެކު ގާއިމްކުރަން އުޅުނު "ސްޓޭޓަސް އޮފް ފޯސް އެގްރިމެންޓް" (ސޯފާ) އެއްބަސްވުމުގައި ސޮއި ކުރަން އޭރު އިންޑިއާ އިން ދެކޮޅު ހެދި އެވެ.
ނަމަވެސް އިންޑިއާގެ ނޫހެއްކަމަށްވާ "ދަ ވަޔާ" އިން އިންޑިއާގެ ކަމާބެހޭ އޮފިޝަލުންނާ ހަވާލާދީ ބުނެފައިވަނީ މިފަހަރު ސޮއި ކުރި އެއްބަސްވުމަށް އިންޑިއާއިން ތާއީދުކުރާ ކަމަށެވެ.
"ރާއްޖެ އަކީ އިންޑޯ-ޕެސިފިކްގެ ބައިވެރިއެކޭ ބުނާ ބުނުން ވަރަށް ސާފު،" އިންޑިއާގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައިވެ އެވެ.
"އިންޑޯ-ޕެސިފިކް" މާނަކޮށްފައިވަނީ ޗައިނާގެ ނުފޫޒު ކުޑަކުރަން އެމެރިކާ އިސްވެ ނެރެފައިވާ ސިޔާސަތަކަށެވެ. "ފްރީ އެންޑް އޯޕެން އިންޑޯ ޕެސިފިކް" ސިޔާސަތުގެ ދަށުން އަރަބިކަނޑާއި އިންޑިއާ ކަނޑުން ފެށިގެން ގޮސް ޕެސިފިކް ކަނޑާ ހަމައަށް ހުރި ވަރަށް ގިނަ ގައުމުތަކެއްގެ ބައިވެރިވުން އެމެރިކާ އިން ވަނީ ހޯދައިފަ އެވެ.
ރާއްޖެ އާއި އެމެރިކާ އިން ސޮއިކުރި އެއްބަސްވުމާ ބެހޭ މާގިނަ ތަފްސީލުތަކެއް ނެތް ކަމަށާއި އެކަމަކު އެ އެއްބަސްވުމުގައި އޮތީ ސަލާމަތީ ގޮތުން މުހިއްމު ގިނަ ދާއިރާތަކަކުން އެއްބާރުލުން ކަމަށް އެނގިފައިވާ ކަމަށް އިންޑިއާ އޮފިޝަލުންނާ ހަވާލާދީ ނޫހުން ބުންްޏެވެ.
މި ފްރޭމްވާކްގެ ދަށުން ދެ ގައުމުގެ ދިފާއީ ވުޒާރާއިން ގުޅިގެން އިތުރު ހަރަކާތްތަކެއް ހިންގަން ހަމަޖެހިފައިވާ ކަަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބޭއްވުމާއި ރާއްޖޭގެ ދިފާއީ މުއައްސަސާ އިތުރަށް ހަރުދަނާ ކުރުމާބެހޭ ހަރަކާތްތައް ހިންގުމަށް ފުރުސަތު ތަނަވަސް ކުރުން ހިމެނެ އެވެ. އަދި މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރު ކުރުމާއި ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމާއި ގުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ހާލަތްތަކުގައި ގުޅިގެން އޮޕަރޭޝަންތައްވެސް ހިންގާނެއެވެ.