އިންޑިއާ

ހައިޑްރޮގްރެފިކް ދެވަނަ ސާވޭ ނިންމައިފި

އިންޑިއާ އަސްކަރިއްޔާ އަދި އެމްއެންޑީއެފް ގުޅިގެން ރާއްޖޭގައި ކުރާ ދެވަނަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ނިންމާލައިފި އެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ފެށި މި ސާވޭ ނިންމާލައިފައި ވަނީ އިއްޔެ އެވެ. މި ސާވޭ ކުރިއަށްގެންގޮސްފައި ވަނީ އިންޑިއާގެ މަނަވަރު ސުތްލެޖް (އައިއެންއެސް ސުތްލެޖް) އެވެ. މި މަނަވަރުން ރާއްޖޭގެ އުތުރާއި، މާލެ ސަރަހައްދުގައި ވަނީ ސާވޭ ކޮށްފަ އެވެ. މާލޭ ސަރަހައްދުގައި ސާވޭ ކޮށްފައި ވަނީ ތިލަފުއްޓާއި ހުޅުމާލޭގެ އިތުރުން ރާއްޖޭގެ ޕޯޓް ހިމެނޭ ސަރަހައްދުގަ އެވެ.

މި ސާވޭގެ ތެރޭގައި 6500 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދައިފަ އެވެ. އޭގެތެރޭގައި އުތުރުގައި 4750 ނެނޮމީޓަރުގެ ސައުންޑިން އަދި މާލެ ސަރަހައްދުގައި 1730 ނެނޮމީޓަރުގެ ސައުންޑިން ވަނީ ހަދައިފަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީ އިން ބުނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރަމުންދާ މި ސާވޭގެ ސަބަބުން ސަރަހައްދުތަކުގެ ނެވިކަމުގެ ޗާޓް ނުވަތަ އިލެކްޓޮރޯނިކް ނެވިގޭޝަނަލް ޗާޓްތައް އަޕްޑޭޓްވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ކަނޑުދަތުރުކުރާ ބޯޓުފަހަރުގެ ސަލާމަތީ ކަންތައްތައް ވަރުގަދަވުމުގެ އިތުރުން ރާއްޖޭގެ ނޫ އިގްތިސާދު ވެސް ކުރިއަރައިގެންދާނެ ކަމަށެވެ.

މި މަނަވަރުން ވަނީ މާލެ ސަރަހައްދުގެ 10 ތަނަކާއި އުތުރުގެ ހަތަރު ތަނެއްގެ ޓައިޑަލް އޮބްޒަވޭޝަންތަކެއް ވެސް ހަދައިފަ އެވެ. މީގެ ސަބަބުން ސީދާކަމާއެކު ކަނޑުގެއޮޔަށް އަންނަ ބަދަލުތައް ލަފާކުރުމުގައި ފަސޭހަވެގެންދާނެ ކަމަށް އިންޑިއާއިން ބުނެ އެވެ. އެގޮތުން ފުނަދޫ، ކަނޑިތީމު އަދި މަކުނުދޫގެ އިތުރުން، ތިލަފުށި އަދި ހުޅުމާލެއަށް ކަނޑުގެ އޮޔަށް އާ ބެންޗްމާކްތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ސަބަބުން ސީދާކަމާއިއެކު ޓައިޑަލް ރީޑިންސް އަދި ޕްރިޑިކްޝަން ނެގުމަށް މަގުފަހިވެގެންދާނެ އެވެ.

ރާއްޖޭގައި ފުރަތަމަ ޖޮއިންޓް ހައިޑްރޮގްރެފިކް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ދަރްޝަކް އިން މިދިޔަ އަހަރުގެ ފެބްރުއަރީ އަދި މާޗްގަ އެވެ. ދެވަނަ ޖޮއިންޓް ސާވޭގެ ސަބަބުން އިތުރު ޗާޓްތައް އުފެއްދުމަށް އެހީތެރިކަން ލިބޭނެ ކަމަށް އިންޑިއާ އެމްބަސީ އިން ވަނީ ބުނެފަ އެވެ.