ކޯސްޓް ގާޑް

ކޯސްޓްގާޑުން ތަމްރީނެއް ކުރިއަށް ގެންގޮސްފި

Nov 21, 2020

ކޯސްޓްގާޑާއި ހަވާލުވެފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ސިފައިން އަހުލުވެރި ކުރުމަށް ތަމްރީނެއް ބާއްވައިފި އެވެ.

"ޓްރޭނިން ޑޭ" ގެ ނަމުގައި ހުޅުމާލޭ ކޯސްޓްގާޑުގެ ސަރަހައްދުގައި ކުރިއަށްދިޔަ ތަންރީނުގައި ކަނޑަށް ތެޔޮ އެޅިއްޖެ ހާލަތެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގައި ލިބެންހުރި ވަސީލަތްތަކާއި އިކުއިޕްމަންޓްސްތައް ބޭނުންކޮށްގެން އެ ތޮޔެ ނަގާނެ ގޮތުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި ވެއެވެ. އަދި ތެޔޮ ނެގުމަށްފަހު ބޭނުންކުރި އިކުއިޕްމަންޓްސްތައް ދޮވެ ސާފުކޮށް ސްޓޯ ކުރާނެ ގޮތް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްދިޔަ ތަމްރީނުގައި މިއަދު ހެނދުނު ކުރިއަށްގެންދިޔައީ ތިއަރީ ކުލާސްތަކެވެ. އަދި މެންދުރުފަހު ދަންފަޅީގައި ކަނޑަށް ނޫނީ މޫދަށް ތެޔޮ އެޅުމުން، އެޕޮލިއުޝަން ނައްތާލާނެ ގޮތުގެ ތަމްރީނުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެއް ދުވަހަށް ކުރިއަށްގެންދިޔަ މި ތަމްރީނުގައި ކޯސްޓްގާޑުގެ ކޮމާންޑާންޓް ކާނަލް މުހައްމަދު ސަލީމާއި ކޯސްޓްގާޑުގެ އޮފިސަރުންނާއި އެ ޔުނިޓްގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ.