އެމްއެންޑީއެފް

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓާގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫގައި ގާއިމުކުރާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓާގެ ބިންގާ އަޅައިފި އެވެ.

މިކަމަށްޓަކައި ހދ. ހަނިމާދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ކޮމާންޑްތަކާއި މަރުކަޒުތަކާއި އައުޓްޕޯސްޓްތައް ގާއިމުކޮށް ތަރުތީބުކުރަމުން ގެންދަނީ ރާއްޖޭގެ ޖޯގްރަފީއާއި ރާއްޖޭގެ މާހައުލާއި ރަށްތަކުގެ އާބާދީއަށް ބަލައިގެން ކަމަށެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއާޓާ ހަނިމާދޫއަށް ބަދަލުކުރުމަށް ނިންމި ނިންމުމަށް އިޝާރާތްކުރައްވާ މާރިޔާ ވިދާޅުވީ އޭރިއާ ކޮމާންޑްތަކުގެ އިންތައް މިހާރު މިއޮތްގޮތަށް މީގެ 15 އަހަރު ކުރިން ކަނޑައެޅުނީއްސުރެ ސިފައިންގެ ނޮދަން ކޮމާންޑްގެ މައި މަރުކަޒު ގާއިމުކުރަންޖެހޭ ކަމަށް އެމްއެންޑީއެފުން ފާހަގަކުރަމުން އައީ ހަނިމާދޫ ކަމަށެވެ. ނަމަވެސް އޭރު ނޮދަން އޭރިއާ ކޮމާންޑްގެ މައި މަރުކަޒުގެ ގޮތުގައި ގާއިމުވެތިބި މަޑިވަރުން ސިފައިން ފައިބަން ޖެހުނީ އެކަން ނުކުރެވި ތިބެގެން ކަމަށް ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ އެވަގުތު އިތުރު ގޮތެއް ނެތުމުން މާފިލާފުށީގައި ގާއިމުކޮށްފައިވާ ކޮމްޕޮޒިޓް ޓްރޭނިން ސެންޓަރުގެ ޖާގައިގެ ތެރެއިން ބައެއްގައި ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޓާ ވަގުތީ ގޮތުން ގާއިމުކޮށް އެ މަސައްކަތް ސިފައިން ކުރިއަށް ގެންދިޔައީ ކަމަށެވެ.

"އެހެން އެކަންކުރީމާ އޭރިއާ ހެޑްކުއާޓާ މި ހުންނަނީ ރާއްޖޭގެ މެދުތެރޭގަ. ގިނަ އޮޕަރޭޝަންތައް، ވަކިން ހާއްސަކޮށް މެރިޓައިމް ސެކިއުރިޓީގެ ދާއިރާއިން ކުރަންޖެހޭ ގިނަ މަސައްކަތްތައް މި ހިނގަނީ މި ސަރަޙައްދުގައި. ސަރަހައްދުގެ ބޮޑުމިނަށް ބަލާއިރު މިއީ، އެމްއެންޑީއެފްގެ އެންމެ ބޮޑު އޭރިއާ ކޮމާންޑް. ރާއްޖޭގެ ގާތްގަނޑަކަށް މެދުތެރޭގައި ނޮދަން ކޮމާންޑްގެ މައިމަރުކަޒު ހުރީމާ އޭގެ ސަބަބުން ސިފައިންގެ އޮޕަރޭޝަނަލް ރީޗް ވެސް އެބަ ހަނިވޭ. އެންމެ ބޭނުންވާ ފެންވަރާއި މިންވަރަށް ހިދުމަތް ފޯރުކޮށްދިނުމުގައިވެސް ދަތިތައް ކުރިމަތިވޭ،" މާރިޔާ ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ފާދިއްޕޮޅާ ހަމައަށް އޮންނަ ސަރަޙައްދުގައި ގާއިމުކުރެވިފައިވާ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަކީ އެމްއެންޑީއެފްގެ ހަތަރު އޭރިއާ ކޮމާންޑުގެ ތެރެއިން ވެސް އެންމެ ސަރަހައްދު ބޮޑު، ރަށްތައް ގިނަ، އަދި އެ ސަރަޙައްދެއްގެ ތެރެއިން ނިސްބަތުން ގިނަ އިންޓަނޭޝަނަލް ކާގޯ ޓްރާންސްފާތައް ހިނގާ ސަރަހައްދު ކަމަށެވެ.

އުތުރުގެ މައި ވައިގެ ބަނދަރުގެ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީވެގެން އަންނައިރު އެތަނަށް ބޭނުންވާ ސަލާމަތީ އެންމެހާ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްއެންޑީއެފް ނޮދަންއޭރިއާ ކޮމާންޑް ތައްޔާރުވާން ޖެހޭ ކަމަށާއި އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީ ގާއިމުވެގެންދާއިރު އެ ތަންތަނަށް ސަލާމަތީ ހިދުމަތްތައް ދޭން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ދުރާލާ ތައްޔާރުވާންޖެހޭ ކަމަށް ޝަމާލް ވިދާޅުވި އެވެ.

ނޮދަން އޭރިއާ ކޮމާންޑްގެ އާ ހެޑްކުއާޓާޒް ގާއިމުކުރުމަށް ހަނިމާދޫން ހަތަރު ލައްކަ އަކަފޫޓަށް ވުރެ ބޮޑު ބިމެއް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ. ދެ ފޭސްއަކަށް ބަހާލައިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓުގެ މަސައްކަތްތައް ތާވަލު ކުރެވިފައިވާ ގޮތުން ފުރަތަމަ ފޭސްގެ މަސައްކަތް ފަށާތާ އަށް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފަ އެވެ. އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރާ މި މަރުކަޒުގެ މަސައްކަތްތައް ނިމި، ނޮދަން އޭރިއާ ކޮމާންޑްގެ ހެޑްކުއާޒާގެ ދާއިމީ މަރުކަޒަށް ބަދަލުކުރެވުމުން ނޮދަން އޭރިއާ ކޮމާންޑްގެ އަސްކަރީ ޤާބިލްކަށް މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެެފުން ބުނެ އެވެ. މި ޕްރޮޖެކްޓަކީ ސަރުކާރު ބަޖެޓުން 35 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން އުތުރުގައި ޤާއިމްކުރާ ސިފައިންގެ އެންމެ ބޮޑު މަރުކަޒެވެ.