އެމްއެންޑީއެފް

ބަޑި ގުދަނަށް އިންޑިއާ ސިފައިން ނުވަދޭ، ނުވެސް ވައްދާނެ: އެމްއެންޑީއެފް

ދިވެހި އަސްކަރިއްޔާގެ ހަތިޔާރު ގުދަނަށް އިންޑިއާ ސިފައިން ވަދެ އާމަރީގައި ހުރި ހަތިޔާރުގެ މައުލޫމާތުގެ ތަފްސީލް ހޯދާފައިވާ ކަމަށް ދެކެވޭ ވާހަކަތައް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ދޮގުކޮށްފި އެވެ.

ސިފައިންގެ ހަތިޔާރު ގުދަނަށް އިންޑިއާ ސިފައިން ވަދެ އެތަނުގައި ހުރި ހަތިޔާރުގެ ތަފްސީލާއި އަދަދު ބަލާފައިވާ ކަމަށް ސިފައިންގޭގައި ކުރީން މަސައްކަތް ކުރެއްވި އިސް ބޭފުޅެއް ކަމަށްވާ އަހުމަދު ފަޔާޒް (ޕާޕާ) ރޭ ވަނީ ވިދާޅުވެފައެވެ. އެ ވާހަކަތައް މިއަދު ވަނީ ވަަރަށް ބޮޑަށް ވައިރަލްވެފައެވެ.

އެކަމާ ގުޅޭގޮތުން ސުވާލު ކުުރުމުން އެމްއެންޑީއެފްގެ ތަރުޖަމާން ވިދާޅުވީ އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ. ސިފައިންގެ ބަޑިގުދަނަށް ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ވަދެފައިނުވާ ކަމަށާ އަދި ނުވެސް ވަދެވޭނެ ކަމަށް ވިދާޅުވިއެވެ.

"ގައުމީ ދިފާއީ ބާރުގެ ހަތިޔާރުތަކާއި ސެންސިޓިވް އިކިއުޕްމަންޓްގެ ތަފްސީލަކީ އެއްވެސް ފަރާތަކަށް ދެވޭނެ އެއްޗެއް ނޫން،"

ތަރުޖަމާން ވިދާޅުވީ ދިވެހި ސިފައިން ހަތިޔާރުގެ ތަމްރީން އާއި ހަތިޔާރު ހޯދުމާއި ހަތިޔާރާ ގުޅޭ އެހީތެރިކަން ބޭރު ގައުމުތަކުގެ އެހީގައި އަބަދުވެސް ހޯދަމުންދާ ކަމަށެވެ.

ރާއްޖޭގައި އިންޑިއާގެ ނުފޫޒު ގަދަވެ އެ ގައުމުގެ ސިފައިންގެ ބާރު ދައުލަތުގެ ތެރޭގައި އޮތް ކަމުގެ ތުހުމަތު އިދިކޮޅުން ކުރެއެވެ. ވަރަށް ބޮޑެތި ތުހުމަތުތައްވެސް ފެންމަތި ކުރެއެވެ. ނަމަވެސް އެފަދަ ގިނަ ވާހަކަތަކަކީ ހަގީގަތާ ދުރު ވާހަކަތައް ކަމަށް ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން ދަނީ ހާމަކުރަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިިދިކޮޅު ލީޑަރު، ރައީސް އަބްދުﷲ ޔާމީން އިސްވެ ގެންދަވަނީ ވަރުގަދަ ކެމްޕެއިން ކުރައްވަމުންނެވެ. "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕެއިން ބޮޑުވެ ފުޅާވެފައިވާއިރު އެ ކެމްޕެއިންނާއި ގުޅުންހުރި ކޮންމެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާ ހަރަކާތެއް ކަމަށް ރައީސް ސޯލިހްގެ ގަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ. އެ ގަރާރާއި ގުޅިގެން ފުލުހުންނާއި ސިފައިން ގެންދަނީ "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕެއިނާ ގުޅުންހުރި ހުރިހާ ހަރަކާތްތަކެއް ހުއްޓުވަމުންނެވެ. އެ ހަރަކާތް ރަމްޒުކޮށްދޭ ބެނާތަކާއި ދިދަތަކާއި ފޮތިގަނޑުތައް ނަގަމުންނެވެ. އެފަދަ ލިޔުންތައް ފުހޮމުންނެވެ.