އެމްއެންޑީއެފް

ޕާޕާގެ ވާހަކަތައް ދޮގުކޮށް ރައްދު ދީފި

ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ވިދާޅުވެ މާލޭ އޭރިޔާގެ ކުރީގެ ކޮމާންޑަރު، އަދި ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަހުމަދު ފަޔާޒު އަލީ (ޕާޕާ) ދެއްކެވި ވާހަކަތައް ދޮގުކޮށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އޭނާއަށް ރައްދު ދީފި އެވެ.

ޓީވީ ޝޯއެއްގައި ވާހަކަ ދައްކަވަމުން ފަޔާޒު ވަނީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅާއި ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެ ވާހަކަތައް ރައްދުދީ ސިފައިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަށް އަރައި ފޭބުމުގައި އިންޑިއާ މީހުންގެ ހުއްދަ ހޯދަންޖެހޭ ކަމަށް ބުނެ ދައްކާފައިވާ ވާހަކަތަކަކީ ހަގީތާއި ހިލާފު ދޮގު ވާހަކަތައް ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެމްއެންޑީއެފް ބެލުމުގެ ދަށުގައި އޮންނަ އުތުރުތިލަފަޅަކީ އެމްއެންޑީއެފްގެ މުވައްޒަފުން ތިބޭ ތަނެއް ކަމަށާ އުތުރުތިލަފަޅަށް އަރައި ފޭބުމަށް ބޭނުން ވަނީ ހަމައެކަނި އެމްއެންޑީއެފްގެ ހުއްދަ ކަމަށެވެ.

"...އަދި ހަމަ އެހެންމެ ހދ. ހަނިމާދޫ އެއާޕޯޓްގައި އެމްއެންޑީއެފުން ބަލަހައްޓާ ސަރަހައްދަށް އަރައި ފޭބުމަށް ބޭނުންވަނީ އެމްއެންޑީއެފްގެ ހުއްދަ ކަމުގައި ވެސް ދަންނަވަން،" ސިފައިންގެ ބަޔާނުގައިވެއެވެ.

ސިފައިންގެ ބަޔާނުގައި ވަނީ ފަޔާޒުއަށް ރައްދު ދިނުމުގެ ގޮތުން ހިދުމަތުގައި ހުންނެވި ދުވަސްވަރު ސިފައިންގެއިން އޭނާއާ ދެކޮޅަށް އަޅާފައިވާ އަހުލާގީ ފިޔަވަޅުތައްވެސް ހާމަކޮށްފައެވެ.

އެގޮތުން ފައްޔާޒުއަކީ ތަފާތު ގިނަ އަހުލާގީ މައްސަލަތަކެއް ޖެހި ސުލޫކީ މައްސަލަތަކެއްގައި ޑިސެންބަރު 17، 2015 ގައި ސިފައިންގެ ކާނަލެއްގެ މަގާމުން ކެޕްޓަނެއްގެ މަގާމަށް ޑިމޯޓްކޮށްފައިވާ ބޭފުޅެއް ކަމަށާ އަދި ޖޫން 19، 2016 ގައި ކެޕްޓަނެއްގެ މަގާމުން ލެފްޓިނަންޓެއްގެ މަގާމަށް ޑިމޯޓްކޮށް "ޑިސްއޮނަރަބަލް ޑިސްޗާޖް" އެއްގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ބޭފުޅެއް ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ފައްޔާޒު ހައްޔަރުކުރީ ބަޑި ގުދަނުގެ އިސްވެރިއަކަށް ހުންނަވަނިކޮށެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާވެސް އުފުލިއެވެ. އަދި ދެ ކުށެއް ސާބިތުވިއެވެ. ޕާޕާގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވިިއިރު އެ މައްސަލާގައި އޭނާއަށް އިއްވީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ. "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ބޮމެއް ގޮައްވާލި މައްސަލާގައި ގާނޫނީ ޒިންމާ އަދާކުރަން ހުރި މުވައްޒަފަަކަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށް ސާބިތުވެ ޕާޕާގެ މައްޗަށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވި އެވެ.

ނަމަވެސް ދެ ހުކުމް ތަންފީޒުކޮށް ނިމުނު ފަހުން ހައިކޯޓުން ވަނީ ދަށު ކޯޓްގެ ދެ ހުކުމްވެސް ބާތިލުކޮށްފައެވެ.