އިނގިރޭސި ރާނީ

ރާނީގެ "ޕްލެޓިނަމް ޖުބިލީ" ޕޭޖަންޓްގައި ދިވެހި ސިފައިން ބައިވެރިވެއްޖެ

Jun 5, 2022

އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ ހެޑް، ކުއީން އެލިޒަބަތުގެ ރަނި ކަމަށް 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޔުނައިޓަޑް ކިންގްޑޮމްގައި ބޭއްވި "ޕްލެޓިނަމް ޖުބިލީ ޕޭޖަންޓް" ގައި އެމްއެންޑީއެފުން ބައިވެރިވެއްޖެ އެވެ.

ކުއީން އެލިޒަބަތުގެ ޕްލެޓިނަމް ޖުބިލީ ފާހަގަކުރުމުގެ ގޮތުން ޔޫކޭގައި ޖޫން މަހުގެ 2 އިން 5 އަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރެއިން އެންމެ ފަހު ދުވަހު ޔުނައިޓެޑް ކިންގްޑޮމް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ނިސްބަތްވާހެން ދިހަހާހަށް ވުރެން ގިނަ މީހުން ވަނީ ތިން ކިލޯމީޓަރު ރޫޓެއްގެ ޕޭޖަންޓުގައި ބައިވެރިވެފައެވެ. ޖުމްލަ ހަތަރު އެކްޓަކަށް ބަހާލެވިގެން ކުރިއަށްދިޔަ މި ޕޭޖަންޓުގައި އެކުލެވުނު ފުރަތަމަ އެކްޓަކީ ކޮމަންވެލްތަށް ނިސްބަތްވާ ގައުމުތަކުގެ އަސްކަރިއްޔާތަކުން ބައިވެރިވި އެކްޓެކެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނި މި ޕޭޖަންޓުގައި ބައިވެރިވުމަށް ދައުވަތު ލިބިފައިވުމާއެކު އެމްއެންޑީއެފުން މޭޖާ މުހައްމަދު ނަޒީމް އާއި ސާޖަންޓް މޭޖާ ސަމްހް ޔޫސުފް އާއި ސްޓާފް ސާޖަންޓް އިބްރާހީމް ފައިސަލް އަދި ސާޖަންްޓް އިބްރާހީމް ޝަފީގު ވަނީ ޕޭޖަންޓުގައި ބައިވެރިވުމަށް ޔޫކޭއަށް ދަތުރުކޮށްފައެވެ. މި ޕޭޖަންޓުގައި ބައިވެރިވި ގައުމުތަކުގެ އަސްކަރިއްޔާތަކުން މާޗު ކޮށްފައިވަނީ އެ ގައުމެއްގެ ސިފައިންގެ ޔުނިފޯމުގައި ގައުމު ރަމްޒުކޮށްދޭ ދިދަ ހިފައިގެންނެވެ.

ކުއީން އެލިޒަބަތު ސެކަންޑް އިނގިރޭސި ވިލާތުގެ ރަނިކަމާ ހަވާލުވެލެއްވީ 1952 ވަނަ އަހަރުގެ ފެބުރުވަރީ މަހު، އުމުރުފުޅުން 25 އަހަރުފުޅުގައެވެ.