އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނެދިނީ ސިފައިންގެ މީހަކަށް ވެވޭނެ ގޮތް

ސިފައިންގެ ޓްރެއިން ހަދަމުން ދަނިކޮށް ހާލު ދެރަވެގެން މާލެ ގެނައި ދަރިވަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ސާފުކޮށް ނުދީ ސިފައިންގެ މީހަކަށް ވެވޭނެ ގޮތް ބުނެދީފި އެވެ.

ޓްރެއިން ހަދަމުން ދަނިކޮށް ހާލު ދެރަވެގެން މާލެ ގެނަައި ދަރިވަރުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އަންގާ އެ ދަރިވަރުންނަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށް ވާހަކަ ދަނީ ދެކެވެމުންނެވެ. އެ ދަރިވަރުން ޓްރެއިން އިން ވަކިކޮށް ވަޒީފާއިން ދޫކޮށްލާފައިވޭތޯ ސުވާލު ކުުރުމުން ސިފައިންގެ ތަރުޖަމާން ސާފު ޖަވާބެއް ނުދެއްވިއެވެ.

ވިދާޅުވީ ސިފައިންގެ މީހަކަށް ވުމަށް ހަދަން ޖެހޭ އަސާސީ ތަމްރީނު ހެދޭނީ ފިޒިކަލީ އަދި މެޑިކަލީ ފިޓް މީހުންނަށް ކަމަށެވެ. އަދި ހުވާ ކުރެވޭނީ އަސާސީ ތަމްރީނު ފުރިހަމަ ކުރުމުން ކަމަށެވެ. މީގެ އިތުރުން ހުވާ ނުކުރެވޭ މީހަކަށް ސިފައިންގެ މީހަކަށް ނުވެވޭނެ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.

އަަސްލު ސުވާލަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ.

ސިފައިންގެ ޓްރެއިން ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ދަރިވަރަކު މާލެ ގެނެސް ފަރުވާ ދެމުންދާ ކަމަށް ސިފައިން ބުނީ މާޗް 11 ވަނަ ދުވަހު އެވެ. އޭގެ ކުރީން މާފިލާފުއްޓަށް ތަމްރީން ހަދަން ދިޔަ ދަރިވަރަކު ވަނީ މަރުވެފައެވެ.

މަރުވީ ގދ. ގައްދޫ އަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް އެވެ. ރާފިލް މާފިލާފުއްޓަށް ދިޔަ ފަހުން ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް ބޭނުންވާ ކަން ފާހަގަކުރެވިގެން ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވީ މާޗް މަހުގެ ހަތްވަނަ ދުވަހު އެވެ.

ފަހުން މިފަހަރުގެ ބެޗްގެ ޓްރެއިން ކުރިއަށް ގެންދިޔައީވެސް ހުޅުލޭގައެވެ. ނަމަވެސް އެ ދަރިވަރުން މިހާރު ވަނީ ޓްރެއިން ފުރިހަމަ ކުރަން މާފިލާފުއްޓަށް ފުރަން ފަށާފައެވެ.