ކޯސްޓް ގާޑް

ދިވެހި ކޯސްޓްގާޑްގެ ހިދުމަތަށް 41 އަހަރު

އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިދުމަތަށް 41 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި އެވެ.

ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑުގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ.

އެމްއެންޑީއެފް ކޯސްްޓްގާޑުގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހިންގާ އިޖްތިމާއީ ހަރަކާތްތަކުގެ ތެރޭގައި ހުޅުމާލެ ފަޅު ސާފުކުރުމާއި ކ.ގާ ފަރުގައި އެމްއެންޑީއެފް ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލާއި ކޯސްޓްގާޑު ގުޅިގެން ހިންގާ މެޑިކަލް ކޭމްޕު ހިމެނެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފައްދާ، ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތައާރަފްކުރި ޖަނަވަރީ 1، 1980 ގައެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތް އެދުވަހު ފައްޓަވާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކުގައެވެ.

ދިވެހިރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރައްދު ހިޔާމަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މުހިންމު އެއް މަސައްކަތެވެ.

ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ވަކި މޫސުމަށް ބެލުމެއްނެތި ސައުވީސް ގަޑިއިރު ރައްޔިތުންނަށް އެހީތެރިވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.

ވޭތިވެދިޔަ 41 އަަހަރުގެ ތެރޭގައި ކޯސްޓްގާޑުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ޒަމާނީ ވަސީލަތްތަކާއެކު އަދި އައު އުޅަނދުތަކާއެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ކޯސްޓްގާޑްގެ ޓްރެއިން ސްކޫލް ބިނާކޮށް ތަފާތު ކޯސްތައް ފަރުމާކޮށް ދަނީ ހިންގަމުންނެވެ. މިހާރުވެސް ސިފައިން ގޭގައި އެންމެ ގިނަ ބަޔަކު ތަމްރީން ކުރެވިފައިވަނީ އެ ދާއިރާތަކުންކަން ފާހަގަކޮށްލެވެއެވެ. އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑްގެ 41 އަހަރުގެ ފަހުރުވެރި މާޒީން ފެންނަން އޮތީ ރަން އަކުރުން ލިޔެލެވޭނެ ފަދަ ގައުމީ ހިދުމަތްތަކެއް ކަމަށެވެ.