ކޯސްޓް ގާޑް

ދިވެހި ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު

ކޯސްޓްގާޑްގެ އުޅަނދެއް: ކޯސްޓްގާޑަށް މިއަދު ވަނީ 40 އަހަރު ފުރިފައި --
0%
0%
0%

އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

އެގޮތުން ހުޅުމާލެ ޖެޓީ ސަރަހައްދުގައި މިއަދު ހެނދުނު ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައި ވަނީ ކޯސްޓްގާޑްގެ ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފައްދާ، ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަނެއް ތައާރަފްކުރި ޖަނަވަރީ 1، 1980 ގައެވެ. އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތް އެދުވަހު ފައްޓަވާފައި ވަނީ 6.95 މީޓަރުގެ އައުޓްބޯޓް އިންޖީނު އެޅި ތިން ލޯންޗާއެކުގައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުން ފާހަގަކުރުން -- ފޮޓޯ: އެމްއެމްޑީއެފް

ދިވެހިރާއްޖޭގެ ސަރަހައްދާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރައްދު ހިޔާމަތްކޮށް ބެލެހެއްޓުމަކީ އެމްއެންޑީއެފް ކޯސްޓްގާޑްގެ މުހިންމު އެއް މަސައްކަތެވެ.

ހަމައެހެންމެ ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދީ އަދި ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ސަލާމަތްކުރުމުގައި ވަކި މޫސުމަށް ބެލުމެއްނެތި ސައުވީސް ގަޑިއިރު ރައްޔިތުންނަށް އެހީތެރިވުމުގެ ހިދުމަތް ފޯރުކޮށްދިނުމުގައި އިސްވެ ހަރަކާތްތެރިވަމުން އަންނަނީ އެމްއެންޑީއެފް ކޯސްޓްގާޑުންނެވެ.

ކޯސްޓްގާޑްގެ އުޅަނދެއް: ކޯސްޓްގާޑަށް މިއަދު ވަނީ 40 އަހަރު ފުރިފައި --

އެމްއެންޑީއެފް ކޯސްޓްގާޑުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އަހަރު ދުވަހަށް ބަހާލައިގެން ކޯސްޓްގާޑުން ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

މިގޮތުން އެމްްއެންޑީއެފް ކޯސްޓްގާޑުން ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާޢީ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާކުރުމާއި، ފަޅު ސާފުކުރުމާއި ބީޗް ސާފުކުރުމުގެ އިތުރުން މުރަކަ އިންދުމުގެ ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިދުމަތަށް 40 އަހަރު ފުރުން ފާހަގަކުރުން -- ފޮޓޯ: އެމްއެމްޑީއެފް

ވޭތިވެދިޔަ 40 އަަހަރުގެ ތެރޭގައި ކޯސްޓްގާޑުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ލިބިފައެވެ. ޒަމާނީ ވަސީލަތްތަކާއެކު އަދި އައު އުޅަނދުތަކާއެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ކޯސްޓްގާޑުން ދަނީ ކުރަމުންނެވެ.

މީގެ އިތުރުން ކޯސްޓްގާޑްގެ ޓްރެއިން ސްކޫލް ބިނާކޮށް ތަފާތު ކޯސްތައް ފަރުމާކޮށް ދަނީ ހިންގަމުންނެވެ. މިހާރުވެސް ސިފައިން ގޭގައި އެންމެ ގިނަ ބަޔަކު ތަމްރީން ކުރެވިފައިވަނީ އެ ދާއިރާތަކުންކަން ފާހަގަކޮށްލެވެއެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑްގެ 40 އަހަރުގެ ފަހުރުވެރި މާޒީން ފެންނަން އޮތީ ރަން އަކުރުން ލިޔެލެވޭނެ ފަދަ ގައުމީ ހިދުމަތްތަކެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345