ޖަޕާނު ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް އޮއިލް ބޫމް ވެސެލްއެއް ހަދިޔާކޮށްފި އެވެ.
ކޯސްޓްގާޑާއި މި ވެސްލް ހަވާލުކޮށް ދެއްވީ މިކަމަށްޓަކައި ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ތަކެއި ޝުންސުކެ އެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން އުޅަނދާއި ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.
އޮއިލް ބޫމް ވެސެލް އަކީ ކަނޑަށް އެޅޭ ތެޔޮ ނެގުމަށް ބޭނުން ކުރާ އުޅަނދެކެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އޮއިލް ބޫމް ވެސްލް ވެގެންދާނީ ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް އިތުރުވެގެންދާ ވަރަށް މުހިންމު އެސެޓެއް ކަމަށެވެ.
މާރިޔާ ވަނީ ޖަޕާނުގެ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަން ފާހަގަކުރައްވާ އެ ގައުމުން ވެދެއްވާ ދީލަތި އެހީތެރި ކަމަށް ޝުކުރު ދަންނަވާފަ އެވެ. މާރިޔާ ވިދާޅުވީ ޖަޕާނަކީ ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ.
އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމާއި ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާ އާއި އިޖުތިމާއީ ތަރައްގީގެ ދާއިރާއިން ޖަޕާނުގެ އެހީތެރިކަން ލިބެމުންދާކަން މާރިޔާ ފާހަގަކުރެއްވި އެވެ.
މާލޭގެ ވަށައިގެން ލެވިފައިވާ ބޭރުތޮއްޓަކީ ޖަޕާނުގެ އެހީތެރިކަމެއްކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވި ސަބަބަކީ ޖަޕާނުން އަޅައިދީފައިވާ ބޭރުތޮށި ކަމަށެވެ.
ރަސްމިއްޔާތަށްފަހު އިއްޒުއްދީން ޖެޓީ ސަރަހައްދުގައި އޮއިލް ބޫމް ވެސެލްގެ ޑެމޮންސްޓްރޭޝަނެއް ވަނީ ދައްކާލާފައެެވެ.