ހަބަރު

ޖަޕާނުން ރާއްޖެއަށް އަލިފާން ނިއްވާ އާލަތް ހަދިޔާކޮށްފި

Feb 25, 2020
1

ޖަޕާން ސަރުކާރުން ރާއްޖެއަށް އަލިފާން ނިއްވަން ބޭނުންކުރާ އާލާތްތަކެއް ހަދިޔާކޮށްފި އެވެ.

ދަ ގްރާންޓް އެސިސްޓެންސް ފޯ ގްރާސް ރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓްގެ ދަށުން ޖަޕާނު ސަރުކާރުން މިއަދު ހަދިޔާކޮށްފައިވަނީ 88،000 އެމެރިކާ ޑޮލަރުގެ އަގުހުރި އަލިފާން ނިއްވާ އުޅަނދެއްގެ އިތުރުން، ތާމަލް ކެމެރާއަކާއި ފައިފައިޓަރުން ބޭނުންކުރާ އޮކްސިޖަން ސެޓުތަކެވެ.

އެތަކެތި ހަވާލުކުރުމަށް މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީގެ އިތުރުން އެމްއެންޑީއެފް އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަޕާނު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ނޭޝަނަލް ޑިސާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މިއަދު ހަދިޔާކުރި އާލަތްތަކުގެ ތެރެއިން ތާމަލް ކެމެރާއާއި ފައިފައިޓަރުން ބޭނުންކުރާ އޮކްސިޖަން ސެޓުތައް ގާއިމުކުރާނީ މާލޭ ފަޔާ ސްޓޭޝަންގައި ކަމަށެވެ.

ޖަޕާން ސަރުކާރުން މީގެ ކުރިން ވެސް އެންޑީއެމްއޭއަށް ތަފާތު ގިނަ އެހީތައް ފޯރުކޮށްދެ އެވެ. އެގޮތުން، މިދިޔަ ނޮވެމްބަރު މަހު ވެސް ޖަޕާނު ސަރުކާރުން ރާއްޖެއަށް އަލިފާން ނިއްވާ އުޅަނދެއް ހަދިޔާކޮށްފަ އެވެ.