މާރިޔާ އަހުމަދު ދީދީ

ސިފައިން ކުރާ މަސައްކަތް ގާތުން ފެނިއްޖެ: މާރިޔާ

ރައްޔިތުން އެހީތެރި ކަމަށް އެންމެ ބޭނުންވާ ވަގުތު ރެއާ ދުވާލު ސިފައިން މަސައްކަތް ކުރާ ތަން ވަރަށް ގާތުން ފެނިވަޑައިގެންފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއާއި، ޓީ ޖެޓީ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ސިފައިން ކުރި މަސައްކަތް ފާހަގަ ކުރަން ކަޅުތުއްކަލާކޮށީގައި ސިފައިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅު ގައެވެ.

މިނިސްޓަރު ވިދާޅުވީ މިދިއަ މަހުގައި މާލޭގައި ހިނގާދިޔަ އަލިފާނުގެ ނުރައްކާތެރި ދެ ހާދިސާގައި ރައްޔިތުންގެ ފުރާނައާ މުދާ ސަލާމަތް ކުރަން ސިފައިން ކުރީ ފަޚުރުވެރިވުން ހައްގު މަސައްކަތެއް ކަމަށެވެ. އެކަމަނާ ވަނީ އެ މަސައްކަތަށްޓަކައި ސިފައިންނަށް އައްސަރިބަހާއި ސާބަސް ދެއްވާފަ އެވެ.

"ރޭގަނޑެއް ދުވާލެއް ނޯވޭ... ހާލުގައި ޖެހޭ ކޮންމެ ފަހަރަކު، އެ ގުޅަންޖެހޭ އިމަޖަންސީ ނަންބަރާ ގުޅާލީމަ، އެ ކަނޑުމަތީގައި އެއްޗެއް ފެތެމުން ދިޔައަސް ނުވަތަ ފަރަށް އަރާފައި އޮތަސް ނުވަތަ ސަރަހައްދުން ބޭރަށް މަސްދޯންޏެއް ގެއްލިގެން ދިއަސް ރައްޔިތަކު ބަލިވެގެން ހެލްކޮޕްޓަރުގައި މާލެ ގެންނަން ޖެހުނަސް، ތިޔަ ބޭފުޅުންގެ އިމަޖަންސީ ނަންބަރުތަކާއި ގުޅާލީމަ، ރޭގަނޑެއް، ދުވާލެއް، ގަދައެއް، ވިއްސާރައެއް، އަތްވެއް، ހޫނެއް ނެތި ތި ބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދަވާތަން އަޅުގަނޑަށް ތިޔަ ބޭފުޅުން ގާތު އުޅޭއިރު މިހާރު ވަރަށް ގާތުން ފެންނަމުން ދަނީ" ސިފައިންގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.