މާލޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި 80 އަށްވުރެ ގިނަ ގުދަން އެބަ ހުރި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވި އެވެ.
ރޭ މާލޭގެ ހެންވޭރު އަބަދަށްފެހި މަގުގައި ހުރި އިމާރާތްތަކެއްގައި ރޯވެ ހިނގި ހާދިސާގައި ފުރަތަމަ ރޯވީ އެ މަގުގައި ހުންނަ ކެމިކަލް ގުދަނެއްގަ އެވެ. ފަހުން އެ ސަރަހައްދުގައި ހުރި އިތުރު ތިން ކެމިކަލް ގުދަނަކަށް އަލިފާނުގެ އަސަރުކުރި އެވެ. އެ ހާދިސާގައި ހަތަރު ކެމިކަލް ގުދަނެއްގެ އިތުރުން ހަ ގެއެއްގައި ވަނީ ރޯވެފަ އެވެ.
ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މާލޭގައި ކެމިކަލް ގުދަން ކުރަން ހުއްދަ ދެނީ ސާފުކުރުމާއި، ކުލާއާއި، ތިނަރު، އަދި ދަނޑުވެރިކަމަށް ބޭނުންކުރާ ވައްތަރުގެ ކެމިކަލްތަކަށް ކަމަށެވެ. އެ ގޮތުން މާލޭގައި 126 ގުދަނެއް ހުންނަ ކަމަށާއި އޭގެ ތެރެއިން 82 ގުދަނަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުންނަ ގުދަން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން (ސަރުކާރަށް) އައި ފަހުން ވާނީ އެ ހުރިހާ ގުދަނެއް ޗެކްކޮށްފައި، އަދި އެ ކަންކަމުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް ވެސް އެކުލަވައިލި އެ ކަމުގެ މަޝްވަރާ ކުރެވުނު، ނަމަވެސް އަބަދު އެ ތަންތަން ޗެކް ކުރާނެ ވަސީލަތެއް ނެތް، އަޅުގަނޑުމެން ގަބޫލު ކުރަން މީހުން އުޅޭ ސަރަހައްދުތަކުގައި އެފަދަ ކެމިކަލް ބެހެއްޓިގެން ނުވާނެ ކަން،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އެފަދަ ކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ރޭގަނޑު ޕެޓްރޯލް ނުލިބޭތީ އާންމު ގޭގެގައި އެ ތަކެތި ބަހައްޓައިގެން ވިއްކަމުންދާ ކަމުގެ މައުލޫމާތު ލިބުމާއެކު، 24 ގަޑިއިރު ޕެޓްރޯލް ޝެޑްތަކުން ހިދުމަތް ލިބޭ ގޮތް ހަމަޖެއްސުމުން ފަހުން އެ ޝަކުވާ ނުލިބޭ ކަން ފާހަގަކުރެއްވި އެވެ.
ރޭ ހިނގި އަލިފާންގެ ހާދިސާއާއެކު މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ކެމިކަލް ގުދަން ނުކުރެވިގެން ނުވާނެ ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ގޮތުން މީގެ ކުރިން ވެސް އެފަދަ ގުދަންތައް މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރުމުން ކަންބޮޑުވުން ފާޅުކޮށްފައިވާ ޓްވީޓްތަކާއި ސްޓޭޓަސްތައް ވެސް ދަނީ ދައުރުކުރަމުންނެވެ.