ޑރ. މުހައްމަދު މުއިއްޒު

އަލިފާނާ ގުޅިގެން މޭޔަރު ތުހުމަތު އެމްއެންޑީއެފަށް

މއ. މޯނިންވިއުގެ ބައެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބުނީ އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުން އެ ސަރަހައްދަށް ދިއުން ލަސްވުމުން ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ މޯނިންވިއުގައި އަލިފާން ރޯވުމުން އެ ސަރަހައްދު ބައްލަވައި ލެއްވުމަށް ވަޑައިގެން އެ ގޭގެ ބައެއް މީހުންނާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އިމާރާތުގައި އުޅުނު މީހުންނާ ހަވާލާދީ މުއިއްޒު ވިދާޅުވީ އަލިފާން ރޯވުމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ޓީމުގެ އެކަށީގެންވާ ޓީމެއް އެ ސަރަހައްދަށް ދިޔައީ ހާދިސާ ރިޕޯޓު ކުރިތާ 50 މިނެޓު ފަހުން ކަމަށެވެ. އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ އެމްއެންޑީއެފުން އަމަލު ކުރި ގޮތުން ކަމަށް ވެސް މޭޔަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

މުއިއްޒު ކުރެއްވި ތުހުމަތު އެމްއެންޑީއެފުން ވަނީ ދޮގު ކޮށްފަ އެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ ހާދިސާ ރިޕޯޓް ކުރިތާ ދެ މިނެޓް ތެރޭގައި ފުރަތަމަ ވެހިކަލެއް އެ ސަރަހައްދަށް ދިޔަ ކަމަށެވެ. އަލިފާން ރޯވި ގޭގައި އަލިފާން ގަނޑު ފެތުރިގެން ނުދާ ކަމަށާއި ނަމަވެސް އެ ގޭގެ ހަތަރުވަނަ ފަންގިފިލާގެ ޑެގް ހަދާފައި ހުރީ ލަކުނޑިން ކަމަށް ވާތީ ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނާ ގޮތުގައި އަލިފާންގެ ހާދިސާ އައީ ފަތިހު 5:20 ގައެވެ. އަލިފާންގަނޑު ނިއްވާލާފައި ވަނީ ފަތިހު 6:00 ޖަހާ އެހާކަންހާއިރު އެވެ.

މޯނިންވިއުގައި އަލިފާން ރޯވެ ގެއްލުންތަކެއް ލިބުމާ ގުޅިގެން އެހީތެރިކަން ބޭނުންވާ މީހުން މިހާރު ވަނީ ޣިޔާސުއްދީން ސުކޫލަށް ބަދަލު ކޮށްފަ އެވެ.

މޭޔަރު މުއިއްޒު ވިދާޅުވީ އަލިފާންގެ ހާދިސާގައި ގެއްލުން ލިބުނު މީހުންގެ އާއިލާތަކަށް އެހީވުމަށްޓަކައި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެމީހުންނަށް ދިމާވެފައިވާ ހާލަތުން އަރައިގަތުމަށްޓަކައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ނުކުމެ އަމަލީ ގޮތުން މަސައްކަތް ކުރަންޖެހޭ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ.

އަލިފާން ރޯވި ސަރަހައްދަށް ޑިފެންސް މިނިސްޓަރު މާރިޔާ ވެސް މިއަދު ވަޑައިގަތެވެ. އަދި އެ ސަރަހައްދުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ މިއީ ސިޔާސީ ކަންކަން އެއް ފަރާތްކޮށް ގެއްލުން ލިބުނު އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދޭން ޖެހޭ ވަގުތު ކަމަށެވެ.