މާލޭގެ މޭޔަރު

ހަމަދުވެސް މާލޭގެ މޭޔަރުގެ މަގާމަށް ޝައުގުވެރިވެއްޖެ

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ ހަމަދު އަބްދުލްޣަނީ މާލޭގެ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމަށް ނިންމަވައިފި އެވެ.

މާލޭގެ މޭޔަރުގެ މަގާމުގައި މިވަގުތު ހުންނެވި ޑރ. މުހައްމަދު މުއިއްޒު ކުރިއަށް އޮތް ނޮވެމްބަރު 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމާ އެކު މާލޭގެ މޭޔަރުގެ މަގާމު ހުސްވާނެ އެވެ.

މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާންކުރައްވާފައިވަނީ މިހާރުގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އެވެ.

މަހްލޫފް އާއި ހަމަދު އަކީ ވެސް ވެރިކަން ކުރާ އެމްޑީޕީއަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. އެހެންކަމުން އެމްޑީޕީގެ ޓިކެޓް މާލޭގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާނަމަ ޕްރައިމަރީއެއްގައި ވާދަަކުރައްވަންޖެހޭނެ އެވެ.

ހަމަދު އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް، ކެމްޕޭންގެ އެންމެ ފަހު ދުވަސްކޮޅު އެވެ.

މާލޭގެ މޭޔަރާ އެކު މާލެ ސިޓީ ކައުންސިލްގައި 19 ކައުންސިލަރުން ހިމެނެ އެވެ. މީގެތެރެއިން 12 ކައުންސިލަރުން ނިސްބަތްވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އަށެވެ. ދަ ޑިމޮކްރެޓުންގެ ތިން ކައުންސިލަރުން ތިއްބެވިއިރު އެމްޑީޕީގެ ދެ ކައުންސިލަރުންނާއި އަމިއްލަ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ.

މާލެ އަކީ ކުރިން އެމްޑީޕީގެ ކިއްލާއެއްގެ ގޮތުގައި އޮތް ތަނެކެވެ. ނަމަވެސް އެމްޑީޕީގެ ތެރޭގައި އުފެދުނު ބޮޑެތި ހިޔާލުތަފާތުވުންތަކާ ގުޅިގެން އެމްޑީޕީއަށް މިހާރު ވަނީ މާލޭގެ މެޖޯރިޓީ ގެއްލިފަ އެވެ. އެކަން އެނގިގެންދަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ އިން މާލެ އިން ހޯދާފައިވާ ބޮޑު އަގުލަބިއްޔަތާ ގުޅިގެންނެވެ. އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި މާލޭގެ މެޖޯރިޓީ ވެސް ޕީޕީއެމް ޕީއެންސީ އިން ހޯދާފައިވާތީ އެވެ.