މާލޭ ސިޓީ ކައުންސިލް

ސިޓީ ކައުންސިލުން އިފްތިތާހުކުރި ތިން ހިދުމަތެއް ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި އެކުލަވާލި ސްޓްރެޓްޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ކަންކަމުގެ ތެރެއިން އިފްތިތާހު ކުރި ހިދުމަތްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

މިއަދު ރަސްމީކޮށް ފަށާފައި ވަނީ ސިޓީ ކައުންސިލުންދޭ ގިނަ ހިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ "މާވެހި" ޕޯޓަލްގެ ހިދުމަތާއި ޕޮލިސް ކޮންޓެބިޔުލަރީގެ ހިދުމަތް އަދި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ފޯމު ފުރުމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ހިދުމަތެވެ.

މިއީ މި ފަހުން ބޭއްވި ރައްޔިތުންގެ ދެވަނަ ބައްދަލްވުމުގައި މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިފްތިތިހާ ކޮށްދެއްވި ހިދުމަތްތަކެކެވެ. މޭޔަރު މިއަދު ވަނީ މި ހިދުމަތްތައް މިހާ އަވަހަށް ފަށައިގަނެވުކަން ފާހަަގަ ކުރައްވާފައެވެ.

"މާވެހި" ޕޯޓަލް މެދުވެރިކޮށް ސިޓީ ކައުންސިލުންދޭ ތަފާތު 80 ހިދުމަތެއްގެ 90 އިންސައްތަ ޑިޖިޓަލްކޮށް ލިބިގެންދާނެ އެވެ. މި ޕޯޓަލް އަކީ މާލެސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމަށް މޭޔަރުގެ އިސްނެންގެވުމުގެ މަތިން ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރަށް އެކުލަވާލެވުނު ސްޓރްޓެޖިކް އެކްޝަން ޕްލޭގައި ހިމެނިފައިވާ "ޑިޖިޓަލްމާލެ" މަޝްރޫއުގެ ތެރެއިން ތައާރަފްކުރެވުނު ހިދުމަތެކެވެ.

މުއިއްޒު ވިދާޅުވީ މި ޕޯޓަލްގެ ސަބަބުން މީގެ ކުރިން މާލެ ސިޓީ ކައުންސިލްގެ ހިދުމަތްތައް ހޯދުމަށް ރައްޔިތުން އެކި އޮފީސްތަކަށް ދުވަންޖެހުނު ޖެހުން ނިމުމަކަށް ގެނެވޭނެ ކަމަށެވެ.

"މާވެހި ޕޯޓަލްގެ ޒަރީއާއިން ތިބޭފުޅުން ތިއްބެވި ކޮންމެ ތަނަކުން އެ ހޯއްދަވަން ބޭނުންވާ ހިދުމަތެއް އިރާދަކުރެއްވިއްޔާ ހޯއްދެވޭނެ. އަޅުގަނޑުމެންގެ އަމާޒަކަށް ކަނޑައަޅާފައި އޮތީ މާލެ ސިޓީ ޑިޖިޓަލް ކުރުން. ޑިޖިޓަލް މާލެ އަކަށް ބަދަލު ކުރުން. އޭގެ ތެރެއިން އެއްކަމަކީ އަޅުގަނޑުމެންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ރައްޔިތުންނަށް ފަސޭހަ ކަމާއިއެކު އެ ހިދުމަތް ލިބޭނެ ގޮތް ގާއިމު ކުރުން،" ރައްޔިތުންގެ ބައްދަލްވުމުގައި މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށްއޮތް ތަނުގައި މާލެ ސިޓީ ކައުންސިލުން ހޯއްދަން ޖެހޭ އެކި ކަހަލަ ހުއްދަތައްވެސް ޑިޖިޓަލްވެގެން ދާނެ ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

ޕޮލިސް ކޮންޓެބިޔުލަރީގެ ހިދުމަތްގެ ދަށުން މާލެ ސިޓީގެ ބިންތަކުގެ ތެރެއިން އާންމު ބިންތަކުގެ ގޮތުގައި ކަނޑައަޅާފައި ބިންތަކުގައި ހުއްދަނެތި ބަހައްޓާފައި ހުންނަ ތަކެތީގެ ކަންކަން ހަމައަކަށް އެޅުވުމާއި މަސައްކަތް ކުރާ ސަރަހައްދުތަކުގައި އެކަން ކުރަނީ ހުއްދައެއް އޮވެގެންތޯ ބަލާނެ އެވެ.

އަދި ކުންޏާއިމެދު އަމަލުކުރެވޭ ގޮތް ބެލުމާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތައް އެގޮތުގައި ބެލެހެއްޓެމުން ދޭތޯ ބެލުމާއި އަދި ސަރަހައްދުތަކުގައި ގާނޫނާ ގަވާއިދާ ހިލާފަށް ކަންތައްތައް ހިނގާ މިންވަރު މަދުކުރަން މަސައްކަތް ކުރެވޭނެ އެވެ. މީގެ އިތުރުން މި ހިދުމަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެވޭނީ މާލެ ސިޓީގެ މިސްކިތްތަކުގެ ހުރުމަތް ހިފެހެއްޓުމަށާއި މަގުތަކުގެ ތަރުތީބު ބެލެހެއްޓުމަށެވެ.

މޭޔަރު ވިދާޅުވި ގޮތުގައި މި ހިދުމަތުގައި އެންމެ ފުރަތަމަ އިސްކަން ދެވޭނީ ހަނދާން ކޮށްދިނުމުގެ އުސޫލަށެވެ. އަދި ތަކުރާރުކޮށް އުސޫލުން ބޭރުވެއްޖެނަމަ އަދަބެއްގެ ގޮތުގައި އެ މީހަކު ނުވަތަ އެބަޔަކު ޖޫރިމަނާ ކުރެވޭނެ އެވެ. މީގެ އިތުރުން މިކަންކަމުގައި އަމަލުކުރާނެ އުސޫލުތަކާއި ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކެއް ފެށުމަށް ވަނީ ނިންމާފައެވެ.

"ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ފޯމު ފުރުމުގައި ކައުންސިލުން އެހީތެރިކަން ފޯރުކޮށް ދިނުމުގެ ހިދުމަތުގެ ދަށުން މޭޒުތައް ބެހެއްޓުމަށް ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާއި ބެހޭ ބަޔާއި އަދި މާލެ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައެވެ.

މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ފެށިގެން މެންދުރު 2:00 އާ ދެމެދު އަދި ރޭގަނޑު 8:00 އިން 10:00 އާ ހަމަޔަށް ފޯމު ފުރުމާއި ހުށައެޅުމަށް އެހީތެރިކަން ފޯރުކޮށް ދެމުންގެން ދާނެ އެވެ.