ކުރިއަށް އޮތް 2023 ވަނަ އަހަރަށް ލަފާކުރާ މާލެ ސިޓީ ކައުންސިލްގެ ބަޖެޓް ފާސްކޮށްފި އެވެ.
ބަޖެޓްގައި ހިމެނިފައިވާ މުހިންމު ކަންކަމުގެ ތެރޭގައި ސްކޫލްތަކުގެ އޮނިގަނޑާއި މަރާމާތަށް ބޭނުންވާ ބަޖެޓާއި މަގުތަކުގެ ނަންބޯޑު ބެހެއްޓުމަށާއި ބޯހިޔާވަހިކަމާއި އަދި ބުޅާ ޝެލްޓާ އަށް ކަނޑައެޅިފައިވާ ބަޖެޓް ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މިއަދުގެ ޖަލްސާގައި ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ޕާކިން ސްލޮޓްތައް ލޮކް ކުރުމަށް ހިނގާނެ ހަރަދު ކަމަށް ދެ މިލިއަން ރުފިޔާ ހިމެނުމަށާއި ޓްރެފިކް ވާޑްން ހިދުމަތް ފަށައިގަންނައިރު އެ ހިދުމަތަށް ބޭނުންވާ ވެހިކަލް ގަތުމަށް ދެ މިލިއަން ރުފިޔާ ކައުންސިލްގެ ބަޖެޓުގައި ހިމެނުމަށް ހުށައެޅުނެވެ. އަދި މާލޭގެ ފަޅުތެރެ ފުންކޮށް ސާފުކޮށް ބެލެހެއްޓުމަށް ފަސް މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށް ހުށައެޅިއެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ދެ ބައެއް ހިމަނާފައިވެއެވެ. އެއްބަޔަކީ ބްލޮކްގްރާންޓްގެ ގޮތުގައި ސަރުކާރުން ކައުންސިލަށްދޭ ބަޖެޓެވެ. ދެން ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭ ބަޖެޓެވެ.
ސަރުކާރުން ބްލޮކްގްރާންޓްގެ ގޮތުގައި 165 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އަދި ކައުންސިލްގެ އާމްދަނީގެ ގޮތުގައި 170 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކޮށްފައިވެއެވެ.
.ކައުންސިލްގެ އާމްދަނީ ބަޖެޓުން ފަސް ޕަސެންޓް އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީއަށް ވަނީ ހާއްސަ ކޮށްފައެވެ.
ކައުންސިލުން 2023 އަށް ލަފާކުރާ ބަޖެޓާއި އިންކަމް ރެޖިސްޓާއަށް ގެނެވިފައިވާ ބަދަލުތަކާއެއްކޮށް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.