މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާ އާ ގުޅިގެން ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެދޭ ފަދަ ވާހަކަތައް ނުފެތުރުމަށް ހޯމް މިނިސްޓްރީން މިއަދު އިލްތިމާސްކޮށްފި އެވެ.
ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ގުދަންތަކެއްގައި ރޯވެ އެކަކު މަރުވެފައިވާއިރު، އެ ހާދިސާއަކީ ބަޔަކު ގަސްދުގައި ދިން ހަމަލާއެއްކަމަށް ބުނެ އަޑުތައް ވަނީ ފެތުރިފަ އެވެ. އަދި އެކަމަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.
އެކަމާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ބުނީ އެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ދަނީ ކުރަމުން ކަމަށެވެ. އަދި މި ތަހުގީގުގެ އެންމެހާ ކަންކަން ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
"ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ހާދިސާގެ ސަބަބުން އުފެދޭ ނުތަނަވަސްކަން އިތުރުވެ ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމަކަށްވާތީ އެފަދަ ކަންކަމުން އެއްކިބާވުމަށް އިލްތިމާސް ކުރަން،" އެ މިނިސްޓްރީން އިތުރަށް ބުނެފައިވެ އެވެ.
ހޯމް މިނިސްޓްރީން މި ގޮތަށް އިލްތިމާސްކޮށްފައިވާއިރު، އެ ހާދިސާއަކީ ޓެރަރިސްޓް ހަމަލާއެއްކަމަށް ބެލުމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި އެ ހާދިސާގެ ތަހުގީގު މިހާރު ވެސް ކުރާއިރު، އަދިވެސް ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދިފައިނުވާ ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ. އަދި ތަހުގީގަށްޓަކައި އެ ސަރަހައްދުގެ ސީސީޓީވީ ފޫޓޭޖްތަކާއި އެހެނިހެން ގޮތްގޮތުން ލިބޭ ވީޑިއޯ އާއި، ފޮޓޯ ފަދަ ތަކެތި ތަހުލީލި ކުރަން ފަށާފައިވާ ކަމަށެވެ.