ހަބަރު

އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ހިނގާނެ: ހޯމް މިނިސްޓްރީ

ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރިކަމާއެކު ފުލުހުން ކުރަމުން ގެންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

ހެންވޭރު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނެ އެވެ. އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވެސް ވަނީ މަރުވެފަ އެވެ.

އަލިފާނުގެ ހާދިސާގެ ތަހުގީގާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން މިއަދު ބުނީ އަލިފާނުގެ ހާދިސާގެ ފުރިހަމަ ތަހުގީގެއް ސިފައިންގެ އެހީތެރި ކަމާއެކު ފުލުހުން ކުރާ ކަމަށާއި އެ ތަހުގީގުގެ ކަންކަން ހޯމް މިނިސްޓަރާއި ޑިފެންސް މިނިސްޓަރު ބައްލަވާ ކަމަށެވެ.

އަދި ބުނީ އެ ތަހުގީގު ހިނގަމުންދާ ވަގުތު ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އުފެދޭފަދަ ވާހަކަ ފެތުރުމަކީ ނުތަނަވަސްކަން އިތުރުވެ ތަހުގީގަށް ގޮންޖެހުން ކުރިމަތިވެދާނެ ކަމެއް ކަމަށާއި އެފަދަ ކަންކަން ނުކުރަން އިލްތިމާސް ކުރާ ކަމަށެވެ.

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގެ އަލިފާންގަނޑު ކޮންޓްރޯލްވީ ހަ ގަޑިއިރުގެ މަސައްކަތުންނެވެ. އަލިފާންގަނޑު ކޮންޓްރޯލްކުރެވުނު އިރު ހަތް އިމާރާތެއް ވަނީ ބޭނުން ނުުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.