މިއަހަރު މިނވަން ދުވަހުގެ ހަރަކާތްތައް ޓީވީ ޕްރޮގްރާމެއްގައި ގެނެސްދޭން ހޯމް މިނިސްޓްރީން ނިންމައިފި އެވެ
މިއަހަރުގެ މިނިވަން ދުވަސް ފާހަގަކުރުމަށް މުޅި ރާއްޖެ ޝާމިލުވާހެން 18 ގަޑިއިރުގެ ޓީވީ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފަ އެވެ. އެ ޕްރޮގްރާމަށް ދީފައިވަނީ "މިނިވަން އުފާ މުޅިރާއްޖެއިން" މި ނަމެވެ. އެ ޕްރޮގްރާމްގައި ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލުވާނެހެން، އެކި އުމުރުފުރާތަކުގެ އާއްމުން ޝައުގުވެރިވާނެ ތަފާތު ކޮންޓެންޓުތަކެއް ގެނެސްދޭނެ އެވެ.
މިނިވަން ދުވަހުގެ މިއަހަރުގެ ހުރިހާ ހަރަކާތެއްވެސް ގުޅުވާލާފައިވާނީ "މިނިވަންކަމުގެ އުފާވެރިކަން، މުޖުތަމަޢުގެ ބަދަހިކަން" މި ޝިއާރާކަމަށް ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. މިއަހަރު ޓީވީ ޕްރޮގްރާމެއްގެ ސިފައިގައި މިނިވަން ދުވަހުގެ ހަރަކާތްތައް ގެނެސްދޭން ނިންމާފައިވަނީ ކޮވިޑްގެ ސަބަބުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެގެން ކުޅިވަރުތަކާއި އައިޓަމްތައް ހުށަހެޅުމަކީ ރައްކާތެރިކަމަކަށްނުވާނެތީ އެވެ.
ހޯމް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އަރުޝަދު އަޝްރަފް ވިދާޅުވީ، މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރުސަތުގައި ރަށްރަށާއި ސްކޫލުތަކުގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެ ފަރާތްތަކުން ގެނެސްދޭން ބޭނުންވާ ސަގާފަތާއި ތާރީހާއި ގުޅުން ހުރި ހަރަކާތްތަކާއި، އެކި ކަހަލަ ހުނަރު ދައްކާލުމުގެ އައިޓަމްތައް ވަގުތުވީ މިންވަރަކުން ޓީވީ ޕްރޮގްރާމްގައި ދައްކާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރަށްރަށުން ފޮނުވާ ވީޑިއޯތަކުގެ އިތުރުން، ސްޓޫޑިއޯއަށް މެހެމާނުން ގެނެސްގެން މިނިވަން ދުވަހާގުޅޭ ތަފާތު މައުލޫމާތު ގެނެސްދިނުމާއި، ދުވަހާގުޅިގެން މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގާ ތަފާތު ހަރަކާތްތައްވެސް މި ޓީވީ ޕްރޮގްރާމުން ގެނެސްދޭނެ. ބޭރުމަގުގައި ހުންނަ ސްޓެލްކޯގެ ފާރުގައި ކުރެހުމުގެ ހާއްސަ ހަރަކާތް ވެސް އޮންނާނެ" އަރުޝަދު ވިދާޅުވި އެވެ.
މިނިވަން އުފާ މުޅިރާއްޖެއިން ޓީވީ ޕްރޮގްރާމުން ރާއްޖޭގެ މުއްސަނދި ތާރީހާއި ސަގާފަތް ވަރަށް ބޮޑަށް ރަމްޒު ވެގެންދާނެ އެވެ. އަދި ރާއްޖޭގެ އެކި ރަށްރަށަށުގެ ހާއްސަ ކަންކަމާއި، ކުޅިވަރުތަކާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތައް ދައްކުވައިދޭ ޝައުގުވެރި ކޮންޓެންޓުތަކެއް ގެނެސްދޭނެ އެވެ.
އެ ހަރަކާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ސްކޫލުތަކުން 600 އެއްހާ ދަރިވަރުން ހިމެނޭ އައިޓަމްތައް ގެނެސްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ. އަދި ރަށްރަށުންވެސް އައިޓަމްތައް ގެނެސްދޭން ބޭނުންވެގެން އެދިފައިވެ އެވެ.
އަޝާރަ ގަޑީރުގެ ޓީވީ ޕްރޮގްރާމެއްގެ ތެރޭގައި ހުރިހާ އައިޓަމްތަކެއް ގެނެސްނުދެވޭނެތީ، އެ ފަރާތްތަކުން ފޮނުވާ ވީޑިއޯތައް ބޭނުންކުރެވޭނެ އިތުރު އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޯމް މިނިސްޓްރީން ބުނެ އެވެ.