މިނިސްޓްރީ އޮފް ހޯމް އެފެއާޒް

މިނިވަންކަމުގެ އުފާ އިހްސާސްކުރެވޭނީ މިނިވަންކަން ގެއްލުމުން: އިމްރާން

މިނިވަންކަމުގެ ހަގީގީ އުފާ އިހުސާސްކުރެވޭނީ މިނިވަންކަން ގެއްލިގެން ދިއުމުން ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްﷲ ވިދާޅުވެއްޖެ އެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިނިވަންކަން ގެއްލިގެންދާ ފަދަ ކަންކަން ކުރުން ހުއްޓާލަން ޖެހޭ ކަމަށެވެ. ރައްޔިތުން ބައިބައިވެގެންދާ ގޮތަށް މަސައްކަތް ނުކުރުމަށާއި އެފަދަ ފިކުރުތަކުން ދުރުވުމަކީ ކޮން ރައްޔިތަކުވެސް ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

"މިނިވަންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ވާޖިބެއް،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމަކީ އިންސާނަކު ކުރިމަތީގައިވާ އަޅުވެތިވުން ކަމަށެވެ. އިންސާނަކު އިންސާނަކަށް އަޅުވެތި ވުމަށްވުރެ ވަކިން ބޮޑު ނިކަމެތިކަމެއް އިންސާނާގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދުނިޔޭގެ ގައުމުތަކާއެކު ބާއްވާ ސުލްހަވެރި ގުޅުންތަކަކީ ރާއްޖޭގެ މިއަދުގެ މިނިވަންކަމުގެ ރަމްޒު ކަމަށެވެ. އެ ގުޅުންތައް ދެމިއޮންނަނީ ރާއްޖޭގައި ފުރިހަމަ ހާރިޖީ ސިޔާސަތެއް ކަނޑައެޅި އެ ސިޔާސަތު ދެމެހެއްޓުމުގެ ޒިންމާ ނަންގަވާ ބޭފުޅުންގެ ޝަރަފުވެރި މަސައްކަތުގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިވެހިންގެ މިނިވަންކަން ނަގާލަން މަސައްކަތް ކުރި ކޮންމެ ފަހަރަކުވެސް މިނިވަންކަމުގެ ދިފާއުގައި ތެދުވީ ވަރަށް ހިތްވަރުގަދަ ދިވެހި ދަރިވަރުންތަކެއް ކަމަށެވެ. މިނިވަންކަން ތާއަބަދަށް ދަމަހައްޓައި ދިނުމަށްވެސް އެދިވަޑައިގެންނެވި އެވެ.

މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅޭގޮތުން އިމްރާން ވިދާޅުވީ ނުވަ ރަށެއްގައި އަދި ތިން ސިޓީއެއްގައި އާންމު ރައްޔިތުން ބައިވެރިވާ ގޮތަށް މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.