ރައީސް އޮފީސް

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކޮށްފި

Oct 19, 2021
2

ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން ދިޔަ މޯލްޑިވްސް ޕޮލިސް ސާވިސް އެ މިނިސްޓްރީގެ ދަށުން ވަކިކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެގޮތަށް ނިންމަވާފައިވާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިދިޔަ އަންގާރަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި ވަނީ އަންގަވާފަ އެވެ.

"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާ އެކު ފޮނުވީމެވެ،" ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.

ސިޓީގައިވާ ގޮތުން ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކުރީ މިއަހަރުގެ މާޗް 28 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި "ދިވެހި ފުލުހުންގެ ހިދުމަތް" އެެއީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ އެވެ.

އެކަމަކު ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 68 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ފުލުހުންގެ ހިދުމަތް ދިނުމުގެ އެންމެހާ ކަންކަމުގެ ޒިންމާ ސަރުކާރުގެ ފަރާތުން އުފުލާ އެންމެ އިސް ފަރާތަކީ ވަޒީރު ކަމަށެވެ. ފުލުހުންގެ ހިދުމަތާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ވަޒީރު ކަމަށްވެސް އެ މާއްދާގައިވެ އެވެ.

މީގެއިތުރުން ގާނޫނުއަސާސީގެ 242 ވަަނަ މާއްދާގައި ބުނެފައިވަނީ ސަލާމަތީ ކޮންމެ ހިދުމަތެއްމެ ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ހިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީވާން ވާނެ ކަމަަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ކޮން އިދާރާ އަކުން ކަމެއް އަދި ނޭނގޭ އެވެ. ގާނޫނީ ބޭފުޅުން ވެސް އެ ސުވާލު އުފައްދަވަ އެވެ.