އިމްރާން އަބްދުﷲ

ކަންކަން ރަނގަޅު ކުރާއިރު ލައްކަ ގޮންޖެހުންތައް ކުރިމަތިވާނެ

Oct 19, 2021

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ ހިދުމަތް ވަކިކުރި ފަހުން މިނިސްޓަރު އިމްރާން އަބްދުﷲ ފުރަތަމަ ފަހަރަށް ވާހަކަދައްކަވައިފި އެވެ.

އިމްރާން ޓްވީޓާ އަށް ދޫކޮށްލެއްވި މެސެޖުގައި ސީދާ މައްސަލައަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

އެކަމަކު އިމްރާން ވިދާޅުވީ ކަންކަން ރަނގަޅު ކުރަން އުޅޭއިރު ލައްކަ ގިނަ ގޮންޖެހުންތަކާ ކުރިމަތިވުމަކީ "ވަރަށް ތަބީއީ ކަމެއް" ކަމަށެވެ.

ކާމިޔާބު ވާނީ ގޮންޖެހުންތަކުން އަރައިގަނެ ކުރިއަށް ދިއުމުގެ ހިތްވަރު ހޯދުނު ބަޔަކަށް ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވާ މިދިޔަ އަންގާރަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި އޮތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ އިދާރާ ވަކިކުރީ މިއަހަރުގެ މާޗް 28 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި "ދިވެހި ފުލުހުންގެ ހިދުމަތް" އެެއީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ އެވެ.

"މިގޮތަށް ހަމަޖެއްސުމާ ގުޅިގެން މާރިޗް 27، 2021 އިން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާއެކު ފޮނުވީމެވެ،" ރައީސް އޮފީހުގެ ސިޓީގައިވެ އެވެ.

އެކަމަކު ގާނޫނުއަސާސީއާއި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ފުލުހުންނަށް ޖަވާބުދާރީ ވާންޖެހޭ ވަޒީރަކު ހުންނަންޖެހޭ ކަން ވަރަށް ސާފެވެ. ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ ކަންކަމުގައި ރައީސްއާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ކޮން އިދާރާ އަކުން ކަމެއް ނޭނގޭތީ ގާނޫނީ ބޭފުޅުން އެ ސުވާލު އެބައުފައްދަވަ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނިންމެވުމާ ގުޅިގެން އިމްރާންގެ އިތުރުން އަދާލަތު ޕާޓީގެ ކަންބޮޑުވުންތަކެއް ވެސް ހުރި ކަމަށް އެނގިފައިވެ އެވެ.