އިމްރާން އަބްދުﷲ

ޖަލުތަކުގައި ހަރުކަށި ފިކުރު ފެތުރެނީ ތޮއްޖެހުން ބޮޑުވުމުން: އިމްރާން

Aug 31, 2022

ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަން ބަޔަކަށް ފުރުސަތު ލިބެނީ ޖަލުތަކުގެ ތޮއްޖެހުން ބޮޑުވެ ކަމާ ގުޅޭ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ނުލިބޭތީ ކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފިކުރު ފަތުރަން ފުރުސަތު އޮތް މިންވަރު ބެލުމަށާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ޖަލުތަކުގައި ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ހުރި ގޮންޖެހުންތައް ބަލައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކުލަވާލި ދިރާސީ ރިޕޯޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގައި ހަރުކަށި ފެތުރުން ހުއްޓުވޭނީ ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކޮށްގެންނާއި އެފަދަ މީހުން ރިހިބިލިޓޭޓް ކޮށްގެން އަނބުރާ މުޖުތަމައަށް ނެރުމަށް ހިންގާ ޕްރޮގްރާމުތައް ވަރުގަދަކޮށްގެން ކަމަށެވެ. ރިހިބިލިޓޭޝަން ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ ވަސީލަތްތަކާއި ބަޖެޓު މިހާރަށް ވުރެ ފަސޭހައިން ލިބޭނެ ގޮތްތަކެއް އޮންނަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

"ޖަލުތައް ތޮއްޖެހުމަކީ ގައިދީންގެ މެދުގައި އެހެން ބައެއް ނުރައްކާތެރި މައްސަލަތައް ވެސް އުފެދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ޖަލުތަކުގެ ތޮއްޖެހުން ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ ރިހިބިލޭޓަޝަން ޕްރޮގްރާމުތަކުގެ ތެރެއިން ގައިދީން ތަރުބިއްޔަތުކޮށް އަނބުރާ މުޖުތަމައަށް ނެރުމުން އެމީހުން ބަލައިގަތުމުގެ އާދައަށަގަންނުވަން ޖެހޭ ކަމަށެވެ.

"އާންމުން މިކަންކަމަށް އިތުރަށް ހޭލުންތެރިވެ ޒަމާންވީ ގަބޫލުކުރުންތައް ދޫކޮށްލުމަށްފަހު އެފަދަ މީހުން މުޖުތަމައުން ބަލައިގަތުމަށް އަޅުގަނޑު މިއަދު ގޮވާލަން،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ފެއްޓެވީ އެ މަސައްކަތުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކާއި އުދަނގޫތައް ރަނގަޅަށް އެނގިވަޑައިގެންނެވެ. އެކަމަކު ކަމެއް ރަނގަޅު ކުރެވޭނީ ކަމުގެ ހަގީގަތްތަކާ ކުރިމަތިލައިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ރާއްޖެއަކީ ރައްކާތެރި އަމާން ތަނަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ޖަލުތަކުގައި ތޮއްޖެހުން ބޮޑުވެ ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމުގެ ގޮތުން މުހިއްމު ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ގާނޫނުލް އުގޫބާތާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހުތަކާ އެކު ކުށްވެރިން ހަމައެކަނި ޖަލަށް ހުކުމް ކުރުމުގެ ބަދަލުގައި އެހެން ބައެއް ކަންކަން ކުރަންޖެހޭ ގޮތަށްވެސް ހުކުމް ކުރަން ފަށާފައިވާ ކަމުގައި ވިދާޅުވި އެވެ. މައްސަލަ ހައްލުކުރުމަށްޓަކައި ޕްރޯލްއާއި ކްލެމެންސީގެ އުސޫލުތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމުގައި ވިދާޅުވި އެވެ.