އިމްރާން އަބްދުﷲ

ޖަލުތަކަށް ރަނގަޅު ބަދަލެއް އައިކަން ޔާމީން ގަބޫލުކުރޭ: އިމްރާން

ރާއްޖޭގެ ޖަލުތަކަށް ރަނގަޅު ބަދަލުތަކެއް އައިސްފައި ހުރިކަމަށް ކުރީގެ ރައީސް އަބުލްﷲ ޔާމީން އަބްދުލް ގައްޔޫމް ވެސް ހެކިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ނެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އޭނާ ޖަލުގައި ހުންނެވި ދުވަސްވަރު ސިޔާސީ ގޮތުން އެއްވެސް ގައިދީއަކު ތަޖުރިބާކުރަން ނުޖެހޭ އެތައްކަމަކާ ކުރިމަތިލެއްވި ކަމަށެވެ. އެންމެ ބޮޑެތި ކުއްވެރިންނާއެކު ދޫނިދޫ ޖަލުގަޔާއި މާފުށީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ކަމަށެވެ.

ޖަލުގައި ކުރައްވަން ޖެހިވަޑައިގެންނެވި ތަޖުރިބާގެ އަލީގައި ޖަލުތަކުގެ ހާލަތަށް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ހޯމް މިނިސްޓަރު ކަމަށް ހަވާލުވެވަޑައިގަތްއިރު ހާލަތު ހުރީ މައިނަސް ސަތޭކައިގައި. މި ފަސް އަހަރު ނިމޭއިރު އެ އަދަދު ސުުމަކަށް ގެންދިއުމުގެ މަސައްކަތް މި ކުރަނީ. އޭރުވެސް އަޅުގަނޑުމެންނަސް 100 ޕަސެންޓް ކާމިޔާބީ ހޯދުނު ކަމަށް ވާނެ ނޫންތޯ،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނު ބައްދަލުކުރި ކަމަށެވެ. އަދި އެދުވަހު ރައީސް ޔާމީން ވެރިކަމުގައި ފަސް އަހަރު ހުންނަވައިގެން ވެސް ޖަލުތަކުގެ ހާލަތު ރަނގަޅު ނުކުއްރެވުނު ކަމަށް ވިދާޅުވި ކަމަށެވެ.

"ރައީސް ޔާމީން ވިދާޅުވީ އިމްރާން މިތާހުރެ ކަންކަން ފެނުނީމަނޫންހޭ ރަނގަޅުކުރީ. ތިމަންނަވެސް މިހާރުވެސް މިތަނުން ނިކުމެވިއްޖެއްޔާ ގެންނަންޖެހޭ ބަދަލު ގެންނާނަމޭ." ވިދާޅުވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.