މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ރޯދަ މަހަށް ގެއަށް ބަދަލުކޮށް ދެއްވުމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގޮވާލައްވައިފި އެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ 487 ދުވަސް ވަނީ ވެފައެވެ. މި މަހުގެ 13 ވަނަ ދުވަހު ފެށޭ ރޯދަ މަހަކީ އެމަނިކުފާނު ޖަލުގައި ހުންނަވަނިކޮށް އަންނަ ދެވަނަ ރޯދަ މަހެވެ.
ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރައީސް ވަހީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެއްވީ ނުހައްގު ޝަރީއަތަކުން ކަމަށެވެ. އެމަނިކުފާނު މިނިވަން ކުރައްވަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މި ސަރުކާރުގެ އެއްވެސް އޯގާތެރިކަމެއް އަދި އިހުސާންތެރި ކަމެއް ހުރިނަމަ މި ރޯދަ މަހަށް ރައީސް ޔާމީން ގެއަށް ފޮނުވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑު އުންމީދު ކުރަން މި ސަރުކާރުގެ އެއްވެސް ކަހަލަ އޯގާތެރިކަމެއް، އިހުސާންތެރިކަމެއް ހުރިކަމުގައި ވަންޏާ އެމަނިކުފާނު މި ރޯދަ މަހު ގެއަށް ފޮނުވައި ދެއްވާނެ ކަމަށް،" ވަހީދު ވިދާޅުވި އެވެ.
ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެއަށް ބަދަލު ކޮށްދިނުމަށް އާއިލާގެ ފަރާތުން އެދިފައިވާ ކަމަށް ހޯމް މިނިސްޓްރީން މިިދިޔަ މަހުގެ 18 ވަނަ ދުވަހު ވަނީ ބުނެފަ އެވެ. ރައީސް ޔާމީން ގެއަށް ބަދަލު ކޮށް ދިނުމަށް އެދި ހޯމް މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ސިއްހީ އެއްވެސް އެހީތެރި ކަމަކަށް އެދިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައި ވަނިކޮށެވެ.
ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި އިދިކޮޅު ކޯލިޝަނުން ވެސް ވަނީ މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ބައްދަލު ކުރައްވާފަ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވެފައި ވަނީ ރައީސް ޔާމީނަށް ޑޮކްޓަރުން ދެއްވާފައިވާ ޓެސްޓްތައް ރާއްޖެއިން ހެދެން ނެތުމުން ރާއްޖެއިން ބޭރަށް ވަޑައިގެން އެ ޓެސްޓްތައް ހެއްދެވުމަށް ދެންނެވި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ބޭރަށް ވަޑައިގެންފައެއް ނުވެ އެވެ.
ޖަލުގައި ހުންނެވި ކުރީގެ ރައީސް އަދި އިދިކޮޅުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުގައްޔޫމް ރާއްޖެއިން ބޭރަށް ފޮނުވާލެއްވުމަށް ސަރުކާރާއި ރައީސް ސޯލިހް ޕްރެޝަރު ކުރައްވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލާގައި ހޯމް މިނިސްޓަރު އިމްރާން ކުރީން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލިޔުމެއް އޮންނަ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދީފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓުން ކަމަށެވެ. އެ ދެ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ރީޖަންގެ ގައުމުތަކުން ދާން ބޭނުންވާ ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަަށެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.
"އަޅުގަނޑު ދެންނެވިން ފުރަތަމަ ބައި ފުރިހަމަ ކުރައްވާފައި ނޫންތޯއޭ ދެވަނަ ބަޔަށް އަމަލު ކުރެވޭނީ،"
އިމްރާން ވިދާޅުވީ ފުރަތަމަ އޮތް ކަމަކީ ރާއްޖެއިން ބޭރަށް ވަޑައިގެން ޓެސްޓް ހެއްދެވުން ކަމަށެވެ. އަދި ސްޓްރެސް ފްރީ މާހައުލަކީ ކޮބައިކަަން ނިންމަން ޖެހެނީ އޭގެ ފަހުން ކަމަށެވެ. ދެން އިމްރާން ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށެވެ.