ހަބަރު

"މަންޑޭލާ ރޫލްސް"ގެ ދިވެހި ތަރުޖަމާ ނެރެފި

Jul 18, 2020

ޖަލުތަކުގައި ހުންނަންވާ އެންމެ ދަށް މިންގަނޑުގެ ގޮތުގައި އދ. އިން ކަނޑައަޅާފައިވާ "މަންޑޭލާ ރޫލްސް" ދިވެހި ބަހަށް ތަރުޖަމާކޮށް، ހޯމް މިނިސްޓްރީން އާއްމުކޮށްފި އެވެ.

ސަތޭކަ ބާވީސް ގާއިދާގެ މައްޗަށް އެކުލެވޭ "ދި ނެލްސަން މަންޑޭލާ ރޫލްސް" ގެ ދިވެހި ތަރުޖަމާގައި އަސާސީ މަބްދައުތަކާއި، ގައިދީންގެ ފައިލްތައް ބަލަހައްޓާނެ ގޮތާއި، ގައިދީން ގިންތި ކުރާނެ ގޮތްތަކާއި، ގޮޅިތަކުގައި ބައިތިއްބަން ޖެހޭނެ ގޮތްވެސް ބަޔާން ކޮށްފައިވެ އެވެ.

އަދި ގޮޅިތައް ހުންނަން ޖެހޭނެ ގޮތާއި، ސާފުތާހިރުކަން ދެމެހެއްޓުމަށް ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތަކުގެ ވާހަކަ ވެސް ސާފުކޮށް ބަޔާން ކޮށްފައިވާއިރު، އަންނައުނު ފޯރު ކޮށްދިނުމާއި، ކެއިންބުން ފަދަ އަސާސީ ކަންކަން ފަހިވެފައި އޮންނަންވާނެ ގޮތް ވެސް ބަޔާން ކޮށްފައިވެ އެވެ.

އޭގެ އިތުރުން، ކަސްރަތާއި، ކުޅިވަރު ކުޅުމުގެ އިންތިޒާމް ހަމަޖެހިފައި އޮންނަން ވާނެ ގޮތާއި، ސިއްހީ ހިދުމަތްތައް ލިބި ދެވޭނެ ހަމަތައް ވެސް ބަޔާން ކޮށްފައިވެ އެވެ. ގޮޅިތައް ބަލާ ފާސް ކުރުމާއި، ގައިދީންނާ މުއާމަލާތް ކުރުމުގެ ހަމަތައް ވެސް މަންޑޭލާ ރޫލްސްގައި ބަޔާންކޮށްފާވާއިރު، ޖަލު މުވައްޒަފުން ހަމަލުތައް ބަހައްޓަންޖެހޭ ގޮތްތައް ވެސް ވަނީ ހިމަނައިފަ އެވެ.

ރާއްޖޭގެ ޖަލުތަކުގައި ވެސް އަމަލުކުރާ އެންމެ ދަށް މިންގަނޑަކީ މަންޑޭލާ ރޫލްސް ކަމުގައި ހެދުމަށް މި ސަރުކާރުން ވަނީ ވައުދުވެފަ އެވެ.

އެގޮތުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދެއްވި ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް އެކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ ޖަލު ބަންދުގައި ހުއްޓަސް، އެއްވެސް މީހެއްގެ ސިޔާސީ ހައްގުތަކާއި، އިންސާނީ ކަރާމާތް ނަގާލުމަކީ ގަބޫލުކުރައްވާކަމެއް ނޫންކަމަށެވެ.

"ގައިދީންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން އދ. ގެ މަންޑޭލާ ރޫލްސްގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމްކުރުމުގެ މަސައްކަތް މިހާރުވާނީ ފަށާފައި" ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވެ އެވެ.

ކުރިއަށް އޮތްތަނުގައި މަންޑޭލާ ރޫލްސްއަށް ހުރިހާ ޖަލު އޮފިސަރުން އަހުލުވެރިކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރާނެކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ނެލްސަން މަންޑޭލާ ރޫލްސް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ ހޯމް މިނިސްޓްރީ އާއި ޔޫއެންއޯޑީސީ ގުޅިގެންނެވެ.

ޖަލުތަކުގައި ހުންނަންވާ ކަމަށް އދ. އިން ބަލައިގަންނަ އެންމެ ދަށް މިންގަނޑު ފުރަތަމަ ފަހަރަށް އެކުލަވާލީ 1957 ވަނަ އަހަރު އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ގަރާރަކުންނެވެ.

ނަމަވެސް ޒަމާނާ ގުޅޭގޮތަށް އެ މިންގަނޑު އިސްލާހުކުރުމަށް މަންޑޭލާ ރޫލްސްގެ ނަމުގައި އެމިންގަނޑު އދ. ގެ އާންމު މަޖިލީހުން އެޑަޕްޓް ކޮށްފައިވަނީ 17 ޑިސެމްބަރ 2015 ގައެވެ.