ހަބަރު

ލާއިންސާނީ އަނިޔާއާ ދެކޮޅަށް "ޒީރޯ ޓޮލަރަންސް" އިއުލާނުކުރަން އދ.އިން ގޮވާލައިފި

Nov 24, 2019
2

ރާއްޖޭގައި ލާއިންސާނީ އަނިޔާއާ ދެކޮޅަށް "ޒީރޯ ޓޮލަރަންސް" ސިޔާސަތެއް އިއުލާނުކޮށް އެފަދަ އަމަލުތަކަށް އަރައިގަންނަ އޮފިޝަލުންނަށް ހަރުކަށި އަދަބު ދިނުމަށް އދ. އިން މިއަދު ސަރުކާރަށް ގޮވާލައިފި އެވެ.

ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަނިޔާ އާއި އަދަބު ދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރާ އދ. މަންދޫބު ނިލް މެލްޒާ ވަނީ މިމަހުގެ 17 އިން ފެށިގެން ރާއްޖޭގައި މީހުން ބަންދުކޮށްފައިވާ ތިބޭ މަރުކަޒުތަކަށް ޒިޔާރަތް ކުރައްވާ އެތަންތަނުގެ ހާލަތު ބައްލަވައިފަ އެވެ. އަދި ލާއިންސާނީ އަނިޔާއާ ގުޅޭގޮތުން ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރާތްތަކުގެ އިސް ބޭފުޅުންގެ އިތުރުން، އެކަންކަން ހުއްޓުވުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކުގެ އިތުރުން މުޅި ނިޒާމުވެސް މެލްޒާގެ ދަތުރުފުޅުގައި ވަނީ ވަޒަން ކުރައްވައިފަ އެވެ.

މެލްޒާ ވިދާޅުވި ގޮތުގައި 2013 ވަނަ އަހަރު ވުޖޫދަށް އައި އެންޓި ޓޯޗާ ގާނޫނާއެކު އެތަކެއް ސަތޭކަ ޝަކުވާއެއް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (ނައިސީ)ގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅިފައިވީ ނަމަވެސް، އަދި މިހާތަނަށް އެކަމުގެ ތުހުމަތު ކުރެވޭ އެއްވެސް ސަރުކާރުގެ އޮފިޝަލެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރެވިފައިނުވާކަމަށެވެ.

އެގޮތުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، މާފަންނު ގެއެއްގެ ތެރެއިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރު ކުރަން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި ފަރާތަށް އަނިޔާ ކުރި މައްސަލަ މިސާލެއްގެ ގޮތުގައި މެލްޒާ ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭގެ އިތުރުން، ޖަލުތަކުގައި މަރުވެފައިވާ މީހުންގެ މައްސަލަތަކުގައިވެސް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވިފައިނުވާކަންވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އަނިޔާ ކުރާ މައްސަލަތަކުގައި ދައުވާ ކުރަން ފޮނުވި ނަމަވެސް، ދައުލަތުގެ މުއައްސަސާތަކުން ތަކުރާރުކޮށް ފަސްޖެހެމުންދާތީ، އެފަދަ ކަންކަމަށް އަރައިގަންނަ މީހުނަށް ހިތްވަރު ލިބޭކަމަށެވެ.

"އެހެންކަމުން، އަޅުގަނޑު ސަރުކާރަށް މިއަދު މި ގޮވާލަނީ ލާއިންސާނީ އަނިޔާ ދިނުމާ ދެކޮޅަށް ޒީރޯ ޓޮލަރަންސް ސިޔާސަތެއް އިއުލާނުކޮށް އެފަދަ އަމަލުތަކަށް އަރައިގަންނަ އޮފިޝަލުންނަށް ހަރުކަށި އަދަބު ދިނުމަށް،" މެލްޒާ ވިދާޅުވި އެވެ.

މެލްޒާ އިތުރަށް ވިދާޅުވީ ޖަލުތަކުގެ ހާލަތާއި، ކުށްކުރާ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ބަލައިގަންނަ ކަމަށެވެ. ނަމަވެސް، ސަރުކާރުން ވުޖޫދަށް ގެންނަން ބޭނުންވާ ގާނޫނުތަކުގެ އިތުރަށް މުޅި ނިޒާމަށް ގެންނަން ވިސްނާ ބަދަލުތައް، އިންސާނީ ހައްގުތަކާގުޅޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާއި އެއްގޮތަށް ބައްޓަންކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި މެލްޒާ ފާހަގަކުރެއްވި އެވެ.

މެލްޒާގެ ދަތުރުފުޅަށްފަހު އެކުލަވާލާ ރިޕޯޓް ހުށަހަޅާނީ 2021 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށެވެ.