މިދިއަ 2020 ވަނަ އަހަރުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖަލުތަކާ ގުޅޭ އެކިއެކި މައްސަލަތައް ކަމަށް އެޗްއާރްސީއެމުން މިއަދު ބުނެފި އެވެ.
އެކި ކަންކަމާ ގުުޅުވައި އާންމުކޮށް ބަޔާންތައް ނެރެމުން އަންނަ ކޮމިޝަނުން މިއަދު ވަނީ ޕްރެސް އެއް ބާއްވާފަ އެވެ. ވާޗުއަލް އެ ޕްރެސްގައި ކޮމިޝަނުން މިއަދު ދިނީ ނަމްބަރުތަކެކެވެ.
އެޗްއާރްސީއެމުން އާންމުކޮށްލި ނަމްބަރުތައް ބުނާ ގޮތުގައި މިދިޔަ އަހަރު އެ ކޮމިޝަނަށް 627 މައްސަލަ ހުށަހެޅި އިރު 2019 ވަނަ އަހަރަށް ވުރެ ގިނައިން މިދިއަ އަހަރުގެ ތެރޭގައި ޖަލުތަކުން މައްސަލަތައް ހުށަހަޅާފައި ވެއެވެ.
ކޮމިޝަނުން ބުނީ މިދިއަ އަހަރުގެ 30 ޕަސެންޓް މައްސަލަތަކަކީ ޖަލުތަކުގެ ސިއްހީ ކަންކަމާއި ގުޅޭ މައްސަލަތަކާއި އެހެނިހެން މައްސަލަތައް ކަމަށެވެ. އަދި ބުނީ އޭގެ ކުރިން 2018 ވަނަ އަހަރު ހުށަހެޅި މައްސަލަަތަކުގެ 22 ޕަސެންޓަކީ ވެސް ޖަލުތަކުގެ މައްސަލަތައް ކަމަށެވެ.
ދެހާސް ނަވާރަވަނަ އަހަރާއި އަޅާބަލާއިރު 2020 ގައި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް 53 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި، ވަޒީފާގައި ދިމާވާ އެކިއެކި މައްސަލަތަކުގެ ނިސްބަތް 205 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް ވެސް އެ ކޮމިޝަނުން މިއަދު ބުންޏެވެ.
މީގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނަށް ދިމާވާ އެކިއެކި މައްސަލަތައް 2019 ވަނަ އަހަރަށްވުރެ 2020 ގައި 61 ޕަސެންޓް އިތުރުވެފައިވާ ކަމަށާއި އިޖުތިމާއި އަދި އިގްތިސޯދީ ދާއިރާގައި މިދިޔަ އަހަރު އޭގެ ކުރީ އަހަރަށްވުރެ 211 ޕަސެންޓް މައްސަލަ އިތުރުވެފައިވާ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގައި ވެސް އިންސާނީ ހައްގުތަކުގެ މައްސަލަތައް ފެންމަތިވާކަން ފާހަގަކޮށް ކޮމިޝަނުން ބުނީ ކޯޓްތަކުގެ ޝަރީއަތްތައް ލަސްވާ މައްސަލަތައް މިދިޔަ އަހަރު 57 ޕަސެންޓް އިތުރު ކަމަށެވެ.
ކުރީ އަހަރުތަކުގައި އެޗްއާރްސީއެމަށް އެވަރެޖްކޮށް މަހަކު 30 އާއި 50 އާއި ދެމެދުގެ އަދަދަކަށް މައްސަލަ ހުށަހެޅި ނަމަވެސް މިދިޔަ އަހަރު މަހަކު 50 އަށްވުރެ ގިނަ މައްސަލަ ހުށަހެޅި އެވެ.