މައުމޫން ހަމީދު

ގާނޫނީ މިންގަނޑަށް ފެތޭ ޖަލެއް ރާއްޖެއަކު ނެތް: މައުމޫން

ރާއްޖޭގެ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ މިންގަނޑުތަކާއި ހަމަތަކަށް ފެތޭ އެންމެ ޖަލެއް ވެސް ރާއްޖޭގައި ނެތް ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

އެ ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓުގައި ޖަލުތަކުގައި ގައިދީންނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމަ ނުވާ ކަމާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ރާއްޖޭގެ ބައެއް ޖަލުތައް ނުފެތޭ ކަމަށް ބުނެފައި ވެއެވެ.

އެ ރިޕޯޓާ ގުޅިގެން މައުމޫން ހަމީދު ޓްވީޓް ކުރައްވާ ވިދާޅުވީ، އެ ރިޕޯޓުގައި ފަހާގަކޮށްފައިވާ ކަންތައްތަކަކީ ޖަލުތަކުގައި ގައިދީންގެ ހައްގުތަށް ގެއްލެމުންދާ ކަމަށް މީގެ ކުރިންވެސް ބުނަމުންދާ މައްސަލަތައް ކަމަށެވެ. ޖަލުތަކުގެ ހާލަތު އެހާ ދަށު ދަރަޖައަކަށް ދިޔައީ ސަރުކާރުގެ ކަމާއި ގުޅުން ހުރި މުއައްސަސާތަކުން އެކަންކަން ރަނގަޅު ކުރަން އުޅެފައި ނުވުމުން ކަމަށެވެ.

ސަރުކާރަށް ދެން ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވަނީ ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް، ގާނޫނުތަށް ބުނާ މިންގަނޑުތަކަށް ފެއްތުން ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ޖަލު އޮޑިޓް ނުކުތުުމުން އެޗްއާރްސީއެމުން ވަނީ އެ ރިޕޯޓް ދޮގުކޮށްފަ އެވެ. އެޗްއާރްސީއެމުން ބުނީ ކޮމިޝަނާ މަތިކޮށްފައިވާ މަސްއޫލިއްޔާތުތަކާއި ޒިންމާތަކާއި، ކޮމިޝަނުން ބަލަމުންދާ ޓޯޗާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި ތިބޭ މީހުންގެ އެންމެހާ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެޗްއާރްސީއެމުން ފޯރުކޮށްދިން މައުލޫމާތު ޖަލު ކޮމިޝަނުގެ އޮޑިޓް ރިޕޯޓުގައި ގެނެސްދީފައި ވަނީ ގަވާއިދާ ހިލާފު މައުލޫމާތު ހިމަނައިގެން ކަމަށެވެ.