ޔޫއެން

ޖަލުގައި ހުރި ސީރިއަސް މައްސަލަތައް ފެންމަތިކޮށްފި

Dec 9, 2021
2

ރާއްޖޭގެ ޖަލުތަކުގައި ޖާގައަށް ވުރެ ގިނައިން ގައިދީން ބަންދުކޮށްފައި ތިބުމުން އެ މީހުންނަށް ލިބެންޖެހޭ ގިނަ ހައްގުތަކަކުން މަރުހޫމްވެފައިވާ ކަމަށް ރާއްޖެއަށް މިހާރު ޒިޔާރަތްކޮށްގެން އުޅޭ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންގެ ވަފުދުގެ ބޭފުޅުން ބުނެފި އެވެ.

ވޯކިން ގުރޫޕްގެ ވަފްދުގައި ހިމެނޭ ބޭފުޅުން ރާއްޖެ ވަޑައިގަތީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ. ވަފްދުގެ ބޭފުޅުން ރާއްޖޭން ފުރާވަޑައިގަންނަވާނީ މިއަދު އެވެ.

މިވަފްދުގެ ބޭފުޅުން ރާއްޖޭގައި ހޭދަކުރެއްވި ދުވަސްތަކުގައި ވަނީ ޖަލުތަކަށް ޒިޔާރަތް ކުރައްވާ ޖަލުތަކުގެ ހާލަތު ބައްލަވާފަ އެވެ. އަދި އެ ބޭފުޅުންނަށް ފާހަގަކުރެވުނު މައްސަލަތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ އެސެސްމަންޓެއްގެ މައުލޫމާތު މިއަދު ވަނީ ނޫސްވެރިންނާ ހިއްސާކުރައްވާފަ އެވެ. އެސެސްމަންޓުގެ މައްޗަށް ތައްޔާރުކުރާ ފައިނަލް ރިޕޯޓް ހުށަހަޅާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ ކައުންސިލްގެ ބައްދަލުވުމަށެވެ.

ނޫސްވރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ވޯކިން ގުރޫޕްގެ ވަފްދުގައި ހިމެނޭ ޗެއާ ޑރ. އެލީނާ ސްޓެއިނާޓް ވިދާޅުވީ ބައެއް ޖަލުތަކުގައި އާދަޔާ ހިލާފަށް ގިނަ އަދަދަކަށް ގައިދީން ބަންދުކޮށްގެން ގެންގުޅޭ ކަމަށެވެ. އަދި ހުރިހާ ޖަލެއްގައި ވެސް ގައިދީންނަށް ބޭސް ފަރުވާގެ ހިދުމަތް ދިނުމުގައި މައްސަލަތައް ހުރި ކަމަށެވެ.

ޖާގައިގެ ދަތިކަން އެންމެ ބޮޑީ މާލެ ޖަލުގައި ކަން ފާހަގަކުރައްވަމުން އެލީނާ ވިދާޅުވީ ބައެއް މީހުން ބަންދުކޮށްފައި ތިބޭ ގޮޅިން ނުނެރޭތާ މަސް ދުވަސްވީ މީހުންނާ ވެސް ބައްދަލުވި ކަމަށެވެ. މާލޭ ޖަލުގައި ބައެއް ގައިދީން ނިދަން އެނދު ނެތް އިރު ގޮދަނޑިއެއްހާ ހިސާބު ވެސް ބައެއް ގައިދީން ނިދަން ނުލިބޭ ކަމަށް ވިދާޅުވި އެވެ. ޖަލުގައި މީހުން ގިނަ ކަމުން މާލެ ޖަލުގައި ބައެއް ގައިދީންނަށް ފައި ދަމާލައިގެން ނުނިދޭ ކަމަށްވެސް ވިދާޅުވި އެވެ.

"ގޮޅީގައި އެގޮތަށް އެތައް ބަޔަކު ތިބެން ޖެހިފައި އެވަނީ. އެއީ އިންސާފުތޯ" އެލީނާ ވިދާޅުވި އެވެ.

ވަފްދުގެ ބޭފުޅުން ފާހަގަކުރެއްވި އެހެން މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރުކޮށްފައިވާ މީހުން ޖަލުގައި ތިބޭއިރު އެމީހުންނަށް ލިބެންޖެހޭ ހައްގުތައް ހަނިކޮށްފައިވުމާއި ހުކުމްކޮށްގެން ހުކުމް ތަންފީޒު ކުރަން ޖަލަށްލާ މީހުންނާއި ކުށުގެ ތުހުމަތުގައި ޖަލަށްލާ މީހުންނާ މެދު އެއް އުސޫލަކުން ޖަލުގައި އަމަލުކުރާ މައްސަލަ ފާހަގަކުރި އެވެ.

ބައެއް މީހުންނަށް ދަރަނި ދެއްކޭ ގޮތް ނުވުމުން ރާއްޖޭގައި އެފަދަ މީހުން ޖަލަށްލާ މައްސަލައިގައި ވެސް ވޯކިން ގުރޫޕްގެ ބޭފުޅުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެއީ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކުރަމުންދާ ކަމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަކުރެއްވި އެވެ. ރާއްޖޭގައި ގާނޫނުތައް ހުރި ގޮތުން ޖަލުގައި ތިބެގެން ގާނޫނީ އެހީތެރިކަން ހޯދުމަށް ގައިދީންނަށް ވަރަށް ބޮޑަށް ދަތިކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އަމަލުކުރަމުންދާ ގޮތާ މެދު ވެސް ވޯކިން ގުރޫޕްގެ ބޭފުުޅުން ބައެއް މައްސަލަތައް ފާހަގަކުރައްވާފައިވެ އެވެ. އެގޮތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާ މެދު ސިއްހީ މައްސަލައެއް ހުރި ކަމަށް ބަލައި އެފަދަ ވިސްނުމެއްގެ ތެރެއިން އެމީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރުމަށްވެސް ހުށަހެޅުއްވި އެވެ. ރާއްޖޭގެ ޖަލުތަކުގައި ޑްރަގް ރިހެބިލިޓޭޝަންގެ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުދާތީ އެކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ މުހިއްމު ކަންވެސް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން އިމިގްރޭޝަން މައްސަލަތަކުގައި ބިދޭސީން ހައްޔަރުކުރުމަށްފަހު އިހާނެތިކޮށް އަމަލުކުރުމާއި ހައްގުތަކުން މަހްރޫމު ކުރާ މައްސަލަ ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ނުރަސްމީ ޑިޓެންޝަން ސެންޓަރެއްގައި ސަރުކާރުގެ ކުންފުންޏަކުން ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކުރުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ނުގެންގޮސް އަދި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ވެސް ނުލިބޭ ގޮތަށް ގެންގުޅުނު މައްސަލަ އެއްވެސް ނޫސްވެރިންނާ ހިއްސާކުރެއްވި އެވެ. އެކަމަކު އެ މައްސަލައިގެ އިތުރު ތަފްސީލް ހިއްސާކުރައްވާފައެއް ނުވެ އެވެ.