މާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީ އަކު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު 10:40 ހާއިރު މަރުވީ ލ. ކުނަހަންދޫ ކަރަންކާގެ މުހައްމަދު ރަޝީދު (36 އަހަރު) އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މުހައްމަދު ރަޝީދަކީ ހުކުމް ތަންފީޒު ކުރުމަށް މިދިޔަ އާދިއްތަ ދުވަހު މާލެ ޖަލަށް ގެންދެވުނު މީހެއް ކަމަށެވެ.
ކަރެކްޝަނުން ބުނީ މުހައްމަދު ރަޝީދު ރޭގައި ހުން ގަދަވާތީ މާލޭ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ފަރުވާ ދިނުމަށްފަހު، ހާލަތު ދެރަވާތީ ރޭ 10:00 ހާއިރު އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. އޭނާގެ ހާލަތު އިތުރަށް ގޯސްވެ، ސީޕީއާރް ދިނުމަށްފަހު އޭނާގެ މަރުވި ކަން ޑޮކްޓަރުން ޔަގީންކޮށްދިނީ މިއަދު ހެނދުނު ކަމަށްވެސް ބުންޏެވެ.
މުހައްމަދު ރަޝީދަކީ ވައްކަމުގެ މައްސަލައެއްގައި ހަ މަހާއި 14 ދުވަހުގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ ގައިދީ އެކެވެ.
މުހައްމަދު ރަޝީދު މިމަހުގެ އަށްވަނަ ދުވަހު ޖަލަށް ގެންގޮސް ހެދި މެޑިކަލް ސްކްރީނުން އެއްވެސް ބައްޔެއް ހުންނަކަން ފާހަގަކުރެވިފައި ނުވާ ކަމަށާއި އަދި އޭނާ އަކީ އެއްވެސް ބައްޔަކަށް ފަރުވާ ހޯދަމުންދާ މީހެއް ނޫން ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެ އެވެ.
މުޙައްމަދު ރަޝީދު މަރުވުމާ ގުޅިގެން އެ މައުލޫމާތު އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާ ކަމަށްވެސް ކަރެކްޝަނުން ބުނެފައިވެ އެވެ.