އެޗްއާރްސީއެމް

އަތުހަރުގެ މަރުގެ މައްސަލަ އެޗްއާރުސީއެމް އިން ބަލަނީ

މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަންހެނަކު ރަހީނުކުރި ކަމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ށ. މިލަންދޫ، ހެޕީލޭންޑް، އަހްމަދު އަތުހަރު މަރުވި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބަލަން ފަށައިފި އެވެ.

އެޗްއާރުސީއެމް އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތުން ފެށިގެން އަތުހަރު މަރުވި ހިސާބަށް ކަންހިނގާ ދިޔަ ގޮތް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. އެގޮތުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދުވަހުގެ ރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފުލުސް އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާ ގޮތް ބަލަމުންދާ ކަމަށް ބުންޏެވެ.

މިހާދިސާއާ ގުޅިގެން އަނިޔާ ލިބުނު ފަރާތްތަކަށް އެރޭ ބޭސްފަރުވާ ފޯރުކޮށްދިނުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާއި އަދި މި ހާދިސާގައި ފުލުހުންގެ ބެލުމުގެ ދަށަށް އަތުހަރު ގެންދިއުމަށްފަހު އޭނާއަށް ސިއްހީ ފަރުވާ ފޯރު ކޮށްދިނުމުގައި ފުލުހުން އަމަލު ކޮށްފައިވާ ގޮތް ހާދިސާ ހިނގި ރެއިން ފެށިގެން ބަލަމުންދާ ކަމަށް ބުންޏެވެ.

އެޗްއާރްސީއެމް އިން ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އަތުހަރު އަމިއްލައަށް މަރުވާން އުޅުނު ހާދިސާއާ ގުޅޭ މައުލޫމާތު ފުލުހުންގެ ފަރާތުން އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނައި ވަގުތުން ފެށިގެން ކޮމިޝަންގެ ރެޕިޑް ރެސްޕޮންސް ޓީމުން ހަރަކާތްތެރިވެ މިކަމާ ގުޅުންހުރި މައުލޫމާތުތައް އެއްކޮށް އެ މައްސަލަ ވެސް ބަލަމުންގެންދާ ކަމަށެވެ.

"ހަމަ އެހެންމެ، ދިވެހި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުގައި ހުއްޓާ އާދަމް އަތުހަރު ނިޔާވި މައްސަލައިގައި ކަން ހިނގާ ދިޔަ ގޮތް ވެސް ކޮމިޝަނުން ބަލަމުންދާކަމުގައި ދަންނަވަން،" އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އަތުހަރު މަރުވީ ދޫނިދޫ ޖަލުގައި އަމިއްލައަށް ދަންޖެހިގެން މަރުވާން މަސައްކަތް ކުރަނިކޮށް ސަލާމަތްކޮށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ. ފުލުހުންނަށް އޭނާ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ އެރޭ 7:02 ހާއިރު އެވެ. އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އެމަޖެންސީއަށް ވެއްދީ އެރޭ 7:25 ހާއިރު އެވެ.

އޭނާ މަރުވި ކަމަށް ފުލުހުން ބުނެފައިވަނީ އިއްޔެ ހަވީރު 4:08 ގައެވެ. އެކަމާ ބެހޭ ގޮތުން ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ އަތުހަރު މަރުވި ސަބަބު ދެނެގަތުމަށް އޮޓޯޕްސީއެއް ހަދަން ނިންމާފައިވާ ކަމަށާއި، މިނިވަން މުއައްސަސާތަކުން އެ މައްސަލައާ ގުޅޭ ގޮތުން ހިންގާ ތަހުގީގުތަކަށް ފުލުހުން އެއްބާރުލުން ދެމުންދާ ކަމަށެވެ.

އަތުހަރު ރަހީނުކުރި އަންހެނަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ ކަމަށް މައުލޫމާތު ލިބެ އެވެ.

މި ދެ މީހުން ކުއްޔަށް ދިރިއުޅެމުން ދިޔަ ގޭގައި އަންހެން މީހާ ރަހީނުކޮށް، ވަޅިން ބިރު ދެއްކުމަށްފަހު އެ އަންހެން މީހާ ގޮވައިގެން ގެއިން ބޭރަށް ނިކުމެ ސައިކަލެއްގައި ދާން މަސައްކަތް ކުރަނިކޮށް އޭނާގެ ފަހަތުން ފުލުހަކު އައިސް ބޮލުގައި އެއްޗަކުން ޖެހުމުން އަތުހަރަށް އެރޭވެސް ކޮންމެވެސް ވަރަކަށް އަނިޔާވެ، ހޮސްޕިޓަލްގައި ފަރުވާ ހޯދާފައިވެ އެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެ އަނިޔާތަކަށް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުންނެވެ.

އަތުހަރަކީ ކުރިން ވެސް ކުށް ކުރިކަމަށް ސާބިތުވުމުގެ ސަބަބުން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު ޝަރުތުތަކެއް ކުރުމަށްފަހު މިނިވަން ކުރި މީހެކެވެ.