އެމްއެންޑީއެފް

ރަހީނު ކުރި ސިފައިންގެ މީހާގެ ހާލު ރަނގަޅު

ރޭގެ ދަންވަރުގެ ވަގުތެއްގައި ރަހީނުކޮށް އަނިޔާކުރި ސިފައިންގެ މީހާގެ ހާލު ރަނގަޅުކަމަށް އެމްއެމްޑީއެފްއިން ބުނެފި އެވެ.

ސިފައިންގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައި އެމްއެންޑީއެފް ގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް ހަސަން ފަހީމް، ރަހީނުކޮށް އަނިޔާތަކެއް ދީފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަހީމަށް ހަމަލާ ދިނުމުގައި ބައިވެރިވި މީހުން ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ނުރައްކަލުގެ ތެރެއަށް ގެންދަން މަސައްކަތްކުރާ މީހުން ކުރަމުންދާ އަމަލުތަކަކީ ޖާގަ ދޭނެ އަމަލުތަކެއް ނޫންކަމަށާއި ސިފައިންނަށް ދޭ އެފަދަ ހަމަލާތަކުގެ ސަބަބުން ގައުމީ ހިދުމަތުގައި ސިފައިން ކުރަމުންދާ މަސައްކަތަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ރޭގެ ހަމަލާގައި ފަހީމްއަށް ލިބިފައިވާ ޒަހަމްތަކަށް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިއަދު ގެއަށް ދޫކޮށްލާފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. އަދި އޭނާގެ ހާލަތު އެމްއެންޑީއެފްގެ ލީޑާޝިޕުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އެގޮތުން ރައީސް ސޯލިހު ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީއާ ގުޅުއްވައި ފަހީމްގެ ހާލު ބެއްލެވި ކަމަށާއި މިނިސްޓަރު މާރިޔާ ވަނީ ފަހުމީގެ އާއިލާއަށް ވެދެއްވެންހުރި ހުރިހާ އެހީތެރިކަމެއް ސަރުކާރުން ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ސްޓާފް ސާޖަންޓް ހަސަން ފަހީމްއަށް ހަމަލާ ދީފައިވަނީ ރޭގެ ވަގުތެއްގައި ހަތް މީހުންގެ ގްރޫޕަކުން ނެވެ. އެމީހުން ވަނީ އޭނާ އަތުން ފައިސާ ހޯދަން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އިރުއަރަންދެން އަނިޔާ ކުރުމަށް ފަހު ފައިސާ ނުލިބުމުން އައިޖީއެމްއެމްއެޗް ދޮރު މައްޗަށް ފަހީމް ދޫކޮށްލީ އެވެ.