މޯލްޑިވްސް ޕޮލިސް ސާވިސް

ފިރެހެނަކު ރަހީނުކޮށް، ފޭރުނު އަންހެން މީހާގެ ބައިވެރިޔާ ހައްޔަރުކޮށްފި

ފިރެހެނަކު ރަހީނުކޮށްގެން އޭނާގެ އަތުން ބައި ލައްކަ ރުފިޔާ ފޭރުނު މައްސަލައިގައި އެކަން ކުރި އަންހެން މީހާގެ ބައިވެރިޔާ ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ފަހުން ހައްޔަރުކުރީ ގއ. ކަނޑުހުޅުދޫ، ވިދާތަރި، އިކްލީލް އިބްރާހިމް (41އ) އެވެ.

އޭނާގެ އިތުރުން ފުލުހުން ކުރިން ހައްޔަރުކޮށްފައިވަނީ މި ކަމުގައި އިސްވެ އުޅުނު އަންހެން މީހާ ކަމުގައިވާ ސ. މަރަދޫ، ކުންނާރުގެ، އައިޝަތު މަލްޖާ މޫސާ ދީދީ (27އ) އެވެ.

ފުލުހުންނަށް މި މައްސަލަ ރިޕޯޓުކޮށްފައިވަނި މިދިޔަ މަހުގެ 26 ވަަނަ ދުވަހު އެވެ.

މައްސަލައިގައި ހައްޔަރުކުރި އަންހެން މީހާ 15 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ބުދަ ދުވަހު އެވެ. އަދި އޭނާގެ ބައިވެރިޔާ އިއްޔެ ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ފިރިހެން މީހާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހަށިވިއްކުމުގެ ކުށުގެ ރިކޯޑު އޮތް އަދި އަންހެނުންނާ ގުޅިގެން ފޭރުމުގެ ކަންކަން ހިންގުމާއި، އަންހެން މީހާއާ ގުޅިގެން މި މަހު ހަ މީހެއްގެ އަތުން ފޭރުނު ކަމުގެ ތުހުމަތާއި، ފޭރުނު ރުފިޔާގެ ބޮޑު ބައެއް އޭނާގެ އެކައުންޓަށް ޖަމާކުރުން ހިމެނެ އެވެ.

ފުލުހުން ބުނި ގޮތުގައި މަލްޖާއާއި އިކްލީލް ބައިވެރިވެގެން ވަނީ އައިޖީއެމްއެޗް ކައިރިން އެ ފިރެހެން މީހާ ހުއްޓުވާ، ކޮޓަރިއަކަށް ދިއުމުގެ ދައުވަތު ދީފަ އެވެ. އަދި އެ ކޮޓަރިއަށް އޭނާ ގެންދިއުމަށްފަހު އޭނާ ރަހީނުކޮށް، އޭނާގެ ކޭޝް ކާޑުން 53،000 ރުފިޔާ ފޭރިގަނެފައިވެ އެވެ.